ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް 2019ގެ ނަމުގައި ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ބާއްވާ ހަމައެކަނި ކުޅިވަރުގެ ފެސްޓިވަލްގެ ޕްރީ އިވެންޓް ބާއްވައިފިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން 2011 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވާ ދިރާގުގެ ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްގެ ޕްރީ އިވެންޓް ބޭއްވީ، އެކުވެނި ދުވާ ޓްރެކްގައެވެ. ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލަކީ ނުކުޅެދުންތެރިކަން ހުންނަ އެންމެ ގިނަ ކުދިން ބައިވެރިވާ އަދި އެކުދިންނަށް ހާއްސަކޮށްގެން ބާއްވާ ހަމައެކަނި ކުޅިވަރު ފެސްޓިވަލް އެވެ. މިއަދު ބޭއްވި ޕްރީ އިވެންޓަކީ މި ފެސްޓިވަލްގެ ވާދަވެރި ދުވުމުގެ ހަރަކާތެވެ.

މިއަހަރުގެ ޕްރީ އިވެންޓުގައި 6 ކެޓަގަރީ އަކުން ދަރިވަރުން ވާދަ ކުރިއެވެ. އެ ކެޓެގަރީ ތަކަކީ:

  • 5 އަހަރާއި 6 އަހަރުގެ 50 މީޓަރު ގެ ކެޓަގަރީ
  • 7 އަހަރާއި 9 އަހަރުގެ 80 މީޓަރުގެ ކެޓަގަރީ
  • 9 އަހަރާއި 12 އަހަރުގެ 100 މީޓަރުގެ ކެޓަގަރީ
  • 12 އަހަރާއި 15 އަހަރުގެ 200 މީޓަރުގެ ކެޓަގަރީ
  • 15 އަހަރުން މަތީގެ 300 މީޓަރުގެ ކެޓަގަރީ
  • 200 މީޓަރުގެ ވީލްޗެއަރ ކެޓަގަރީ
ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްގެ ޕްރީ އިވެންޓްގެ ތެރެއިން / ފޮޓޯ: ދިރާގު

މި އިވެންޓުގައި ވަނަ ވަނައަށް ދާ ކުދިންގެ މެޑަލް ހަވާލު ކުރުން އޮންނާނީ ދިރާގު ސެޕެޝަލް ސްޕޯރޓްސް ފެސްޓިވަލް ގެ މެއިން އިވެންޓުގައިއެވެ. މި އިވެންޓުގައި މެޑަލް ހަވާލު ކުރުމުގެ އިތުރުން ތަފާތު ފޯރިގަދަ ކުޅިވަރުތައް ކުރިއަށްދާނެއެވެ. މި ވާދަވެރި ސްޕޯޓްސްގެ ސަބަބުން ކުދިންގެ އަމިއްލަ ނަފްސަށް ކުރެވޭ އިތުބާރާއި، އަދި އެހެން ކުދިންނެކޭ އެއްގޮތަށް ނުކުޅެދޭ ކުދިންނަށްވެސް މިފަދަ ސްޕޯޓްސްތަކުގައި ބައިވެރިވޭކަން ކުދިންނަށްވެސް އެގިގެންދާނެއެވެ.

މި ފެސްޓިވަލްގެ އެންމެ ބޮޑު ބޭނުމަކީ މުޖުތަމައުގައި ދިރިއުޅޭ އެއްވެސް ކުއްޖަކު އެކަހެރި ނުކުރުމާއި ހުރިހާ ކުދިންނަށްވެސް ފުރުސަތުތަކެއް ހޯދައިދިނުން ކަމުގައި ދިރާގުން ބުނެއެވެ. ދިރާގުން ބުނީ، ނުކުޅެދުންތެރިކަން ހުންނަކުދިންނަށް އަމިއްލަ ނަޕްސަށް އިތުބާރުކުރުމާއި ކުޅިވަރުގެ ރޫހު އެކުދިންގެ ކިބައިގައި އަށަގެންނެވުމަކީވެސް މި ފެސްޓިވަލްގެ މަގްސަދެއް ކަމަށެވެ.

ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްގެ ޕްރީ އިވެންޓްގެ ތެރެއިން / ފޮޓޯ: ދިރާގު

ސްކޫލްތަކާއި އެންޖީއޯ ތަކަށް ހުޅުވާލައިގެން ބާއްވާ މި ފެސްޓިވަލުގައި މިއަހަރު 4 އެންޖީއޯ އަދި 14 ސްކޫލުން ބައިވެރިވިއެވެ. އެއީ މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕިޒިކަލް ޑިސްއޭބަލްސް، ބިއުޓިފުލް އައިސް ޑައުން ސިންޑްރޯމް އެސޯސިއޭޝަން، ކެއާ ސޮސައިޓީއާއި، މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންއެވެ. ސްކޫލް ތަކުގެ ތެރޭގައި ހިމެނެނީ، އަމީރު އަހުމަދު ސްކޫލް، ކަލާފާން ސްކޫލް، އިމާދުއްދީން ސްކޫލް، ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް، ރެހެންދި ސްކޫލް، މުހިޔުއްދީން ސްކޫލް، ގާޒީ ސްކޫލް، ހިރިޔާ ސްކޫލް، މާފަންނު މަދަރަސާ، ގަލޮޅު ސްކޫލް، ހުރަވީ ސްކޫލް ތާޖުއްދީން ސްކޫލް އަދި އިސްކަންދަރު ސްކޫލްގެ އިތުރުން ޖަމާލުއްދީން ސްކޫލެވެ.