ސަމްސަންގްގެ ކުޑައިގެ ދަށުން 2020 ވަނަ އަހަރު 3 ސްމާޓްފޯނަކާ 5-ޖީ ޓެކްނޮލޮޖީ ސިސްޓަމެއް ތައާރަފުކުރަން ހަމަޖެހިފައިވާކަމަށް ބުނާ މައުލޫމާތުތަކެއް ލީކުވެއްޖެއެވެ.

ސަމްސަންގްގެ އެންމެ ފަހުގެ އުފެއްދުންތަކުގެ ތެރޭގައި ހިމެނޭ ގެލެކްސީ އެސް10 މޮޑެލްގެ ފޯނުތަކަކީ ކޮންމެ މީހެއްގެ އިނގިލީގެ ނިޝާން ބޭނުންކޮށްގެންވެސް ހުޅުވޭ ފޯނުތަކެއްކަން ހާމަވެ އެކަމަށް ސަމްސަންގްއިން އިއުތިރާފުވެ، އެ އަނދަވަޅުން އަރައިނުގަނެވި އުޅެނިކޮށް އެކުންފުންޏަށް މިވަނީ އިތުރު ވެއްޓުމަކާ ކުރިމަތިލާންޖެހިފައެވެ.

ޓެކްނޮލޮޖީ ޕްލެޓްފޯމަށް ލީކުކޮށްލާފައިވަނީ 2020 ވަނަ އަހަރު ސަމްސަންގް ކުންފުނިން ތައާރަފުކުރާ 3 މޮޑެލްއަކަށް އެކުންފުނި ތެރޭގައި ބޭނުންކުރާ ކޯޑުނަންތަކެކެވެ. އަދި މި ފޯނުތަކަކީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ ބާރުތައް އެ ރޭހެއްގައި ވާދަކުރަމުންދާ 5-ޖީ ޓެކްނޮލޮޖީގެ ގާބިލުކަންވެސް ހުރި 3 ފޯނު ކަމަށް ލީކުކޮށްލާފައިވާ މައުލޫމާތުން އެނގެއެވެ.

ލީކުކޮށްލާފައިވާ މައުލޫމާތަށް ބަލާއިރު 2020 ވަނަ އަހަރު ސަމްސަންގްއިން 5-ޖީ ޓެކްނޮލޮޖީއާއިއެކު ތައާރަފުކުރަނީ "ގެލެކްސީ އެސް11އީ" އާއި "ގެލެކްސީ އެސް11" ގެ އިތުރުން ގެލެކްސީ އެސް11ޕްލަސް" އެވެ.

ދެން އޮތީ ދެކުނު ކޮރެޔާގެ އެންމެ ބޮޑު ޓެކްނޮލޮޖީ ކުންފުނި ކަމަށްވާ ސަމްސަންގްގެ ބަހަކަށް އިންތިޒާރުކުރުމެވެ.