ދާދިފަހުން މިސްރުން ފެނުނު ގަދީމީ ޒަމާނުގެ 30 ސަންދޯކާ އެ ސަންދޯއްތަކުގެ އެތެރެ، ފުރަތަމަ ފަހަރަށް ދައްކާލައިފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، މިސްރުގެ އާސާރުތަކާ ބެހޭ އެންމެ މަތީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުސްތޮފާ ވަޒީރީ ވިދާޅުވީ، މިއީ ފާއިތުވީ ގަރުނަކަށްވުރެ ގިނަ ދުވަހުގެ ތެރޭގައި މިސްރުން ފެނުނު މިފަދަ އެންމެ ތަރިކަ ކަމަށެވެ.

ހަމައެހެންމެ، މިއީ ހަމައެކަނި މިސްރުގެ ޓީމުތަކުން ބައިވެރިވެގެން އެގައުމުގައި ކުރިއަށް ގެންދިޔަ މިފަދަ ފުރަތަމަ ކާމިޔާބު މިޝަންއެވެ. މީގެ ކުރީގެ މިޝަންތަކުގައި ބޭރުގެ ތަޖުރިބާކާރުންވަނީ ބައިވެރިވެފައެވެ. މިފަދަ އާސާރުތަކެއް މިސްރުން އެންމެ ފަހުން ފެނިފައިވަނީ މީލާދީން 1881 ވަނަ އަހަރުގެ ތެރޭގައެވެ. އެފަހަރުގެ މިޝަންގައި ބައިވެރިވެފައިވަނީ ބިދޭސީ ޓީމުތަކުންނެވެ.

ސަންދޯއްތަކުގައި ހުރީ ކޯއްޗެއް؟

ދާދިފަހުން ހޯދި 30 ލަކުޑި ސަންދޯކުގެ އެތެރެވެސް ވަނީ ނޫސްވެރިންނަށް ދައްކާލާފައެވެ. ބެލެވޭ ގޮތުގައި މި ސަންދޯއްތަކަށް 3000 އަހަރުވެދާނެއެވެ. މި ސަންދޯއްތައް ވަޅުލާފައި ހުރީ މިސްރުގެ އަލް-އަސާސީފް ގަބުރުސްތާނުގައެވެ. މިސްރުގެ އާސާރުތަކާ ބެހޭ ވަޒީރު ޚާލިދު އަލް-އިނާނީ ވިދާޅުވީ، މި ސަންދޯއްތަކަކީ ގިނަ ދުވަސްތަކެއް ވަންދެން ހަލާކު ނުވެ ހުންނާނެ ގޮތް ވަރަށް ރަނގަޅަށް ހަދާފައިވާ ސަންދޯއްތަކެއް ކަމަށާ، މި ސަންދޯއްތަކުގައި ވާ ފަރުމާތަކުގައި ކުލަޖައްސާފައިވަނީވެސް އެހާ ފުރިހަމަކޮށް ކަމަށެވެ.

މި ސަންދޯއްތަކުގައި މީހުން ވަޅުލާފައިވަނީ ކުނި ނުވެ ގިނަ ދުވަހަށް ދެމިހުންނާނެ ގޮތް ހެދުމަށްފަހުގައެވެ. ސަންދޯއްތަކުގައި އަންހެނުންނާ ފިރިހެނުންގެ އިތުރުން ކުޑަކުދިންވެސް ވަޅުލާފައިވާކަމަށް މައުލޫމާތު ލިބެއެވެ. ވަޒީރީ ވިދާޅުވީ، މިއީ މެދު ފަންތީގެ ބައެއް ކަމަށެވެ.

އާސާރުތަކާ ބެހޭ ތަކެތި ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ތަޖުރިބާކާރެއް ކަމަށްވާ ޒާހީ ހައްވާސް ބުނި ގޮތުގައި، ކުޑަކުއްޖަކަށް ނިސްބަތްވާ މިފަދަ ސަންދޯކެއް ފެނުމަކީ ވަރަށް ނާދިރު ކަމެއް ކަމަށެވެ. އަދި މިފަދަ 2 ސަންދޯކެއް މިފަހަރު މިސްރުން ފެނުމާއެކު، މުޅި ދުނިޔޭގެ ސަމާލުކަން މިސްރަށް ހުއްޓިފައިވާކަންވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

މިސްރުގެ ގަބުރުސްތާނަކުން ފެނުނު މި ސަންދޯއްތައް ވަޅުލާފައި ހުރީ ދެ ބަރިއަކަށް ވާ ގޮތަށް، އެކަތި މަތީގައި އަނެކަތި ބަހައްޓާފައި ހުންނަ ކަހަލަ ގޮތަކަށް، ވެލިގަނޑުގެ އެންމެ 3 ފޫޓެއްހާ އަޑީގައި ކަމަށްވާ ޒާހީ ވަނީ ތަފްސީލުކޮށްދީފައެވެ.

އޮފިޝަލުން ވިދާޅުވި ގޮތުގައި މި ސަންދޯއްތަ ފެނުނީ، އޭގެ އެއްބައި ހާމަވާން ފަށާފައި އޮތުމުންނެވެ. އެ ހެންކަމުން އެ ސަރަހައްދު ކޮންނަމުން ދިޔައިރު 17 ސަންދޯއް ފެނުނު ކަމަށާ، އަދި އެ ސަންދޯއްތައް ނެގުމުން އިތުރު 12 ސަންދޯކެއް ފެނުނު ކަމަށްވެސް އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.