ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދެސީން ގަވައިދަށް ފެއްތުމަށް ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމުގައި ބައިވެރިވުމަށް ރޭ ދަންވަރުން ފެށިގެން ބިދޭސީން ކިއު ހަދައިފިއެވެ.
ރޭ ދަންވަރު ބިދޭސީން ކިއު ހަދާފައި ވަނީ އޮލިމްޕަސް ކުރިމަތިން އޮންނަ ގޯޅި ތެރޭގައެވެ. ސޯޝަލް މީޑިއާގައި އާއްމު ވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން އެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ގޮތުން ވަނީ މުޅި އެ މަގު އެއްކޮށް ފުރާލާފައެވެ. އެހާ އަވަހަށް ކިއު ހަދާފައި ވަނީ އެ ޕްރޮގްރާމުގައި ބައިވެރިވާ ބިދޭސީންނަށް އިކޮނޮމިކް މިނިސްޓްރީން ދޫކުރާ ކިއު ނަންބަރު ހޯދުމަށެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި ބިދޭސީން ތިބީ އެ މަގުގައި އިށީންދެގެންނެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނީ 'ރެގިއުލަރައިޒޭޝަން ޕްރޮގްރާމް' ގެ ދަށުން 'ރެގިއުލަވައިޒް ވާން' އެދޭ ބިދޭސިން ދަފްތަރު ގައި ރަޖިސްޓްރީ ވުމަށްޓަކައި "ކިޔު ނަންބަރު" ދޫކުރުން ގަލޮޅު ދަނޑުގައި މިހާރު ކުރިއަށްދާ ކަމަށެވެ. އިކޮނޮމިކް މިނިސްޓްރީގެ ސީނީއާ އެގްޒެކެޓިވް ޑިރެކްޓަރު އަހުމަދު އަންވަރު (ސިމްވާ) ވިދާޅުވީ ކުރީ ހަފްތާއަށް ވުރެ މިއަދު ގަލޮޅު ދަނޑުގައި ބިދޭސީން ގިނަ ކަމަށެވެ.
" ކުރީހަފްތާއަށް ވުރެ ދެގުނަ މީހުން މިފަހަރު ގިނަ، ގަލޮޅު ދަނޑުގެ ތިން ބޮލޮކް ވަނީ ފުރިފައި،" ސިމްވާ ވިދާޅުވިއެވެ.
ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލު ކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ރެގިއުލަރައިޒޭޝަން ޕްރޮގްރާމް ފެށީ މިދިޔަ މަހުއެވެ. އެ ޕްރޮގްރާމްގެ ދަށުން 'ރެގިއުލަވައިޒް ވާން' އެދޭ ބިދޭސީން ދަފްތަރު ގައި ރަޖިސްޓްރީ ވުމަށްޓަކައި ދޫކުރަމުން ގެންދިޔަ ކިޔު ނަންބަރު ދޫކުރީ ސިވިލް ސާވިސް ކޮމިޝަނުގެ އޮފީސް ހުންނަ އިމާރާތުގެ ފުރަތަމަ ފަންގިފިލާއިންނެވެ. ނަމަވެސް ކިޔު ޖެހޭ މީހުންގެ އަދަދު ގިނަ ކަމާއި ދުވާލަކަށް އޭރު ދޫކުރީ 150 ނަންބަރު ކަމުން، ގިނަ ބަޔަކު ދަންވަރުން ފެށިގެން ޖެހިގެން އޮންނަ ދުވަހަށް ކިޔުގައި މަގުމަތީގައި ތިބެން ޖެހޭ ޖެހުން ހައްލު ކުރުމަށް އެ ޕްރޮގްރާމް ދަނޑަށް ބަދަލު ކުރީ އެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަލުން ރަޖިސްޓާ ވާން ސަރުކާރުން ވަނީ ހަ މަސް ދުވަހުގެ މުއްދަތެއް ދީފައެވެ.
ވަޒީފާ ދޭނެ ފަރާތެއް ލިބި ރެގިއުލަރައިޒް ވާން އެދޭ ބިދޭސީން ރެގިއުލަރައިޒް ކުރުމަށް ހުށަހަޅާނީ، 'އެކްސްޕެޓް އޮންލައިން ސިސްޓަމް' މެދުވެރިކޮށް ވަޒީފާދޭ ފަރާތުންނެވެ. މިގޮތުން ވަޒީފާދޭ ފަރާތަކީ ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށް ދޫކުރެވޭ ކޯޓާއެއް އޮތް ފަރާތެއް ނަމަ، ވަޒީފާދޭ ފަރާތުގެ އަތުގައި ބޭނުން ނުކޮށް ބާކީއޮތް ކޯޓާއަށް ބިދޭސީން ރެގިއުލަރައިޒް ކުރުމަށް އެދެވޭނެ އެވެ. އަދި ކޯޓާ ނެތް ފަރާތްތަކުން ވެސް ކޯޓާއަށް އެދޭ ވަގުތު ބިދޭސީން ރެގިއުލަރައިޒް ކުމަށް ހުށަހެޅޭނެއެވެ.
ބިދޭސީންނާ ގުޅޭ ކަންކަން މީގެ ކުރިން ކުރަމުން ގެންދިޔައީ އިމިގްރޭޝަނުންނެވެ.