މިސްރުގެ މަޝްހޫރު އެކްޓަރު އަދި ލަވަކިއުންތެރިޔާ މުޙައްމަދު ރަމަދާން ގޮވައިގެން ސައުދީ އަރަބިއްޔާއަށް ދަތުރުކުރަމުންދިޔަ ޕްރައިވެޓް ފްލައިޓެއްގެ ކޮކްޕިޓުގައި އިނުމުގެ ފުރުސަތު އޭނާއަށް ދިންކަމަށްޓަކައި އެ ފްލައިޓްގެ ޕައިލެޓް ލައިސަންސް މުޅި އުމުރަށް ބާތިލުކޮށްފިއެވެ.

ރަމަދާން ވަނީ ކޯޕައިލެޓަށް ހާއްސަކޮށްފައިވާ ގޮނޑީގައި އިނދެ، ބޯޓުގެ ކޮންޓްރޯލް ސިސްޓަމުގައި ހިފަހައްޓައިގެން އިން މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކޮށްފައެވެ. އަދި ބޯޓު އެވަގުތު ދުއްވަމުން އެދަނީ ރަމަދާން ކަމަށް އެ ވީޑިއޯގައި މީހަކު ބުނާތީ އަޑުވެސް އިވެއެވެ.

https://twitter.com/Mohamed_Ramadan/status/1183346290765320192?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1183346290765320192&ref_url=https%3A%2F%2Fwww.bbc.com%2Fnews%2Fworld-middle-east-50099478

މިމައްސަލާގައި ކޯޕައިލެޓްވަނީ އެއް އަހަރު ދުވަހަށް ސަސްޕެންޑްކޮށްފައެވެ. އަދި ފްލައިޓް އޮޕަރޭޓްކުރި ސްމާޓް އޭވިއޭޝަންގެ ޗީފް އެގްޒެކެޓިވް ކަމުގެ މަގާމުގައި ހުންނެވި އޮފިޝަލުވެސް މިމައްސަލާގައި މަގާމުން އިސްތިއުފާދެއްވާފައިވާކަމަށް ޚަބަރު ލިބެއެވެ.

އުމުރުން 31 އަހަރުގެ ރަމަދާންއާއި އޭނާގެ ބޭންޑް ދަތުރުކުރަމުންދިޔައީ ސައުދީ އަރަބިއްޔާގައި އޮތް މުނިފޫހިފިލުވުމުގެ ފެސްޓިވަލެއްގައި ޝޯ ދިނުމަށް ކަމަށް މައުލޫމާތު ލިބެއެވެ. ސޯޝަލް މީޑިއާގައި ރަމަދާން އާންމުކުރި ވީޑިއޯއާއި ގުޅިގެން ގިނަ ބަޔަކު އޭނާ ބޮއިކޮޓްކުރުމަށްވެސް ގޮވާލާފައެވެ.

މިސްރުގެ ވައިގެ އުދުހުންތަކުގެ ގާނޫނު ބުނާ ގޮތުގައި، ބޯޓެއް އޭގެ ދަތުރު މަތީގައި އޮންނަ ވަގުތު ފަސެންޖަރުން ކޮކްޕިޓަށް ވެއްދުމަކީ ޣައިރު ގާނޫނީ އަމަލެކެވެ. މަޝްހޫރު މީހުންނާއެކު ދަތުރުކުރާއިރު ބައެއް ޕައިލެޓުން މިފަދަ އަމަލުތައް ހިންގައެވެ.