ޖަޕާނާއި ރާއްޖެއާ ދެމެދުގައި އޮތް ގުޅުން ބަދަހި ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ރޭ ޖަޕާނަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ، ރައީސް ޖަޕާނަށް ކުރައްވާ ދަތުރުފުޅުގައި ޖަޕާނުން ރާއްޖެއަށް އެންމެބޮޑަށް އެހީތެރިކަން ފޯރުކޮށްދޭ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން ޖަޕާނު ސަރުކާރުގެ އިސްފަރާތްތަކާއި އަމިއްލަ ބައެއް ޖަމިއްޔާ ޖަމާއަތްތަކާ އަދި ކުންފުނިތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މިމަހުގެ 20 އިން 26 އަށް ރައީސްގެ ދެކަނބަލުން ޖަޕާނަށް ކުރައްވާ މި ދަތުރުފުޅަކީ ޖަޕާނު ސަރުކާރުގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށާއި އަދި މި ދަތުރުފުޅުގައި ޖަޕާނުގެ އައު އެންޕެރާ ތަހުތަށް އިސްކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. މީގެ އިތުރުން ޖަޕާނުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބާއްވަވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ވޭތުވެދިޔަ މާޒީގައި ޖަޕާނުން ރާއްޖެއަށް ވަނީ ގިނަގުނަ އެހީތައް ފޯރުކޮށްދީފައެވެ. ރާއްޖެއަށް އުމްރާނީ، އިޖުތިމާއީ އަދި އިންސާނީ ވަސީލަތްތަކުގެ ތަރައްގީގެ މުހިންމު ބައިވެރިއެއްގެ ގޮތުގައިވާ ޖަޕާނުން ރާއްޖޭގެ މަސްވެރިކަމަށް ވެސް ވަނީ އިންގިލާބީ ކުރިއެރުމެއް ގެނެސްދީފައެވެ. އެގޮތުން، މަސް ދޯނިފަހަރުގައި އިންޖީނު އެޅުންމުގައިވެސް ޖަޕާނު ސަރުކާރުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ތައުލީމީ ދާއިރާއިން ރާއްޖޭގެ އެކި އަތޮޅުތަކުގައި ޖަޕާނު ސަރުކާރުގެ އެހީގައި ސްކޫލުތައް ބިނާކުރެވިފައި ވެއެވެ. މުވާސަލާތީ ދާއިރާއިން ވެސް ޖަޕާނުން އެހީ ފޯރުކޮށްދީފައި ވާއިރު ޓީވީ މޯލްޑިވްސް އުފެދި ކުރިއެރުމުގައި ޖަޕާނު ސަރުކާރުން ލިބުނު އެހީތެރިކަން ފާހަގަކުރެވެއެވެ.

މާލެއާ އަތޮޅުތަކުގައި ޖަޕާނު ސަރުކާރުގެ އެހީގައި ބަނދަރު ތަރައްގީކުރުމުގާއި ކަނޑުތޮށި ލުމުގެ ގިނަ މަޝްރޫއުތަކެއް ހިންގާފައިވެއެވެ. މީގެ ތެރެއިން މާލެ ވަށައިގެން ލާފައިވާ ކަނޑު ތޮއްޓާއި، ރާއްޖޭގެ ރަށްރަށަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުން ހިމެނެއެވެ.