ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ފިޔަވަޅު އަޅައި ދިނުމަށް ސަލަފުން އެދިއްޖެއެވެ.

ރައީސް ނަޝީދުގެ މައްޗަށް ފިޔަވަޅު އަޅައިދިނުމަށް އެދި ސަލަފުން ވަނީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރަށް ސިޓީއެއް ފޮނުވާފައެވެ.

ސަލަފުން މިނިސްޓަރަށް ފޮނުވި ސިޓީގައި ވަނީ ކީރިތި ރަސޫލާ މުހައްމަދު (ސ.އ.ވ)އަށް ބަދުބަސް ބުނެ އިސްލާމްދީނަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރެފައިވާ ރިޕޯޓު ދިފާއުކުރައްވައި ނަޝީދު ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށް ބުނެއެވެ. އަދި އެމްޑީއެންގެ ރިޕޯޓަކީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ދެއްކުމަށް ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެއެވެ.

ސަލަފުން ވަނީ އިސްލާމީ މުޖްތަމައުގެ ހަމަޖެހުން ހުރިހާ ގޮތަކުން ގެއްލިދާ ފަދައިން ރައީސް ނަޝީދު ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށް ބުނެ އެކަން ހުއްޓުވައި ދީ، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލަން މަސައްކަތް ކުރުމުގެ ކުށަށް ގާނޫނީ ގޮތުން ދެވެންޖެހޭ ހައްގު އަދަބު ނަޝީދަށް ދިނުމަށް އެދޭ ކަމަށް ބުނެފައެވެ.

ދީނީ އިލްމުވެރިޔާ ހުސައިން ރަޝީދު އަހުމަދު ލިޔުއްވާފައިވާ "ޞަހީހު މުސްލިމްގެ ދިވެހި ތަރުޖަމާ އާއި ޝަރަހަ" އިގެ 10 ވަނަ ބައި ނެެރެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެ މަނިކުފާނު އެ ރިޕޯޓް އެއްކޮށް ވިދާޅުވެފައިވާ ކަމަށާ އެ ރިޕޯޓު ލިޔުނު މީހުން ރިޕޯޓުގައި އިސްލާމް ދީނަށް ނަފުރަތު އުފެއްދުމަށް ބަސްތަކެއް ބޭނުން ކޮށްފައިވާ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.

"އެއްވެސް ހާލެއްގައި އެ ބަސްތައް ބޭނުން ކޮށްފައި އެވަނީ އެ މާނާގައި ކަމަށް އަޅުގަނޑަކަށް ނުފެނުނު، އެ ރިޕޯޓް ކިޔައިގެނެއް. އިނގިރޭސި ބަހުން އެއްޗެއް ލިޔާން ވެގެން އުޅެނިކޮށް ވެފާ ހުރި ގޮތެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީއެންގެ ރިޕޯޓުގައި ހުރި ކަންކަން ތަހުގީގު ކުރުމަށް އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ހުށަހަޅާފައި ވާއިރު، ފުލުހުން ބުނަމުން ދަނީ އެ މައްސަލަ ފުލުހުން ބަލަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން ވިދާޅުވީ އެ މައްސަލަ ބަލާ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. މިހާރު ޔޫތު މިނިސްޓްރީން ވަނީ އެ ޖަމިއްޔާ ސަސްޕެންޑު ކޮށްފައެވެ. ނަމަވެސް އަދިވެސް ގިނަ ރައްޔިތުން އަންނަނީ އެ ޖަމިއްޔާގެ އިސްވެރިންނަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.