ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ގައުމުތަކެއްގެ ސިޔާސީ ލީޑަރުންތަކެއްގެ ޝަހްސު ކަތިލިކަމަށް މަޝްހޫރުވެފައިވާ "ޕެނަމާ ޕޭޕާޒް" ހާދިސާއާއި ގުޅުންހުރި ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ބައޮގްރެފިކަލް ހެއްވާ މަޖާ ފިލްމް "ދަ ލޯންޑްރޯމެޓް"، ކުރިންވެސް ހަމަޖެހިފައިވާ ތާވަލަށް އެއް ގޮތަށް ސްޓްރީމް ކުރެވިގެންދާނެ ކަމަށް، އެންމެ ފުޅާދާއިރާއެއްގައި ވީޑިއޯ ކޮންޓެންޓް ސްޓްރީމް ކުރަމުންދާ ނެޓްފްލިކްސްއިން ބުނެފިއެވެ.

ގޭރީ އޯލްޑްމަންއާއި އެންޓޯނިއޯ ބަންޑޭރާޒް ގާނޫނީ ވަކީލުންގެ ގޮތުގައި ފެނިގެންދާ "ދަ ލޯންޑްރޯމެޓް" ޑައިރެކްޓްކޮށްފައިވަނީ ސްޓީވަން ސޯޑަބާގްއެވެ. މެރީލް ސްޓްރީޕްވެސް އިސް ރޯލެއް އަދަކުރާ މި ފިލްމު ބިނާކޮށްފައިވަނީ، ޗުއްޓީއަކަށް ގޮސް އުޅޭ މީހަކަށް ކުރިމަތިވާ އިންޝުއަރަންސް މައްސަލަތަކެއްގެ ސަބަބުން، ދުނިޔެ ދުށް އެންމެ ބޮޑެތި ޖަރީމާތައް ލީކުކޮށްލި "ޕެނަމާ ޕޭޕާޒް"އާއި ގުޅިގެންދާ ގޮތުގެ މައްޗަށެވެ.

"ދަ ލޯންޑްރޯމެޓް"ގައި ތަމްސީލުކޮށް ދީފައިވާ 2 ވަކީލުންނަކީ ހަގީގަތުގައިވެސް މިކަމާ ގުޅޭ ބަޔަކަށްވާއިރު، މިމައްސަލަ އޮތީ ކޯޓުގައި ކަމަށް ޚަބަރު ލިބެއެވެ. 2 ވަކީލުން ނެޓްފްލިކްސްއާއި ދެކޮޅަށް ދައުވާ ކުރަމުންދަނީ އަބުރަށް އުނިކަން ލިބޭ ކަމަށް ބުނެއެވެ. އަދި ފިލްމުގައި އެމީހުންގެ ލޯފާމުގެ ލޯގޯ ބޭނުންކޮށްފައިވާކަމަށާ، އެއީ ކޮޕޯރައިޓް ގާނޫނާ ހިލާފު ކަމެއް ކަމަށްވެސް 2 ވަކީލުން ދަނީ ބުނަމުންނެވެ. އަދި "ޕެނަމާ ޕޭޕާޒް"އިން ބޭޒާރުވި ބައެއް މީހުންގެ މަންޒަރުތައްވެސް ފިލްމުގައި ހިމަނާފައިވާކަމަށްވެއެވެ.

މި 2 ވަކީލުންނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ލީޑަރުންތަކަކަށް ހިޔާނާތުގެ ބޮޑެތި ޖަރީމާތަކެއް ހިންގަން އެހީތެރިވެދިން ކުންފުންޏާ ގުޅިފައިވާ 2 ވަކީލުންނެވެ.

11.5 މިލިއަން ލިޔެކިއުމުގެ މައްޗަށް އެކުލެވޭ "ޕެނަމާ ޕޭޕާޒް" ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީޑިއާތަކަށް ލީކުކޮށްލީ 2016 ވަނަ އަހަރުގެ ތެރޭގައެވެ.

ނެޓްފްލިކްސްގެ ފިލްމް "ދަ ލޯންޑްރޯމެޓް" އެ ޕްލެޓްފޯމުން ސްޓްރީމް ކުރަން ފަށާނީ ހުކުރު ދުވަހު ކަމަށް މައުލޫމާތު ލިބެއެވެ.