ދ އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ހިދުމަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިފްތިތާހު ކޮށްދެއިވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ އެ ހޮސްޕިޓަލުގައި މިއަދު ހެނދުނު ބޭއްވެވި ހާއްސް ރަސްމިއްޔާތެއްގައެވެ. މި ހިދުމަތް ފައްޓަވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާވަނީ މި ހިދުމަތް ދިނުމަށް ހާއްސް ކޮށްފައިވާ ތަން ބައްލަވާލައްވައިފައެވެ.

ދ. އަތޮޅުގެ ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ހިދުމަތް ފައްޓަވާދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާވަނީ، ކުޑަހުވަދޫގެ މުއައްސަސާތަކުގެ އިސް ވެރިންނާ ބައްދަލުކުރައްވައި، ރައްޔިތުންނަށް އެންމެ ފުރިހަމަ ގޮތުގައި ހިދުމަތްތައް ފޯރުކޮށްދިނުމުގައި އެ ފަރާތްތަކަށް ހުރި ދަތިތަކާއި ބެހޭގޮތުން މައުލޫމާތު އޮޅުންފިލުއްވައި މަޝްވަރާކުރައްވާފައެވެ. މި ބައްދަލުކުރެއްވުން އޮތީ ދ. އަތޮޅު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރައްވާފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި މުއައްސަސާތަކަށް މުވައްޒަފުން ހޯދުމާއި އިމާރާތްތަކުގެ ޖާގައިގެ ދަތިކަން ހިމެނެއެވެ. މީގެ އިތުރުން، އެންމެ އެކަށީގެންވާ ގޮތެއްގައި ކަރަންޓާއި، ފެނާއި، ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމަށް ހުރި ހުރަސްތަކާއި، ބޭންކިން ގެ ހިދުމަތްތައް ދިނުމުގައި ހުރި ގޮންޖެހުންތަކާއި، ދ. އަތޮޅު ތައުލީމީ މަރުކަޒަށް ހުރި ދަތިތަކާއި، ސިއްހީ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ބޭނުންވާ ކަންތައްތަކާއިމެދު ވަނީ މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މުއައްސަސާތަކުގެ އިސް ވެރިން ފާހަގަ ކުރައްވާފައިވާ ކަންތައްތަކުގެ ތެރެއިން މިހާރުން މިހާރަށް ހައްލު ކުރެވޭނެ ކަންތައްތައް ބައްލަވައި، އެކަންކަން ހައްލު ކުރައްވަން ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރައްވައިގެން މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.

ދ. އަތޮޅުގައި ސިއްހީ މަރުކަޒެއް ބިނާކޮށް، ސިއްހީ ހިދުމަތް ދޭން ފެށީ 21 ޖުލައި 1969 ގައެވެ. ކުޑަހުވަދޫ ސިއްހީ މަރުކަޒު އިތުރަށް ތަރައްގީކޮށް، ހޮސްޕިޓަލަކަށް ބަދަލުކޮށްފައިވަނީ 24 މެއި 2002 ގައެވެ. ޑެންޓިސްޓެއްގެ ހިދުމަތާއިއެކު، ދ. އަތޮޅު ހޮސްޕިޓަލުގައި މި ވަގުތު ފޯރުކޮށްދޭ ސްޕެޝަލިސްޓް ހިދުމަތްތަކުގެ ތެރޭގައި އަންހެނުންގެ ހާއްސަ ޑޮކްޓަރަކާއި، ކުޑަކުދިންގެ ޑޮކްޓަރަކާއި، ހޭނައްތާ ޑޮކްޓަރަކާއި، އޮޕަރޭޝަން ޑޮކްޓަރެއްގެ އިތުރުން އެތެރެ ހަށީގެ ހާއްސަ ޑޮކްޓަރެއްގެ ހިދުމަތް ހިމެނެއެވެ.