ބައެއް ސިޔާސީ ލީޑަރުންނަށް ރައީސްކަމަށް ވާދަ ނުކުރެވޭ ގޮތަށް އަށާރަވަނަ މަޖިލީހުގައި އިންތިހާބުގެ ގާނޫނަށް ގެނައި އިސްލާހު މިއަދު ރައްޔިތުންގެ މަޖިލީހުން ބާތިލުކޮށްފިއެވެ.
މިއަދުގެ މަޖިލީހުގައި ބާތިލުކުރުމަށް ފާސްކޮށްފައިވާ އިސްލާހަކީ ބޭރު ގައުމުތަކުގެ ސިޔާސީ ހިމާޔަތް ހޯއްދެވި ލީޑަރުންނަށް ވެރިކަމަށް ނާދެވޭ ގޮތަށް ރިޔާސީ އިންތިހާބުގެ ގާނޫނަށް ގެނައި އިސްލާހެވެ.
މި ދިޔަ ސަރުކާރުގައި ރައްޔިތުން މަޖިލީހުން ރިޔާސީ އިންތިހާބުގެ ގާނޫނަށް ގެނައި ބަދަލުގައި ވަނީ ބޭރު ގައުމަކުން ހިމާޔަތް ހޯދައިގެން އުޅޭ މީހަކު، ރާއްޖޭގެ ރިޔާސީ އިންތިހާބެއްގައި ވާދަ ކުރެވޭނީ، އެ ގައުމެއްގެ ހިމާޔަތް ދޫކޮށްލާތާ 10 އަހަރު ފަހުންނެވެ. އަދި ބޭރުގެ ރަށްވެހިކަން އޮންނަ މީހަކަށް ވެސް ވާދަ ކުރެވެނީ ރަށްވެހިކަން ދޫކޮށްލާތާ 10 އަހަރު ފަހުންނެވެ.
އޭރުގެ ސަރުކާރުން މި ބަދަލު ގެނެސްފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރާއްޖޭން ބޭރު ގައުމުތަކުގެ ސިޔާސީ ހިމާޔަތް ހޯއްދަވައިގެން އުޅުއްވި ދުވަސްވަރުގައެވެ.
ވަކި މީހަކަށް ނުވަތަ ބަޔަކަށް ގެއްލުމެއް ދިނުމަށް ނުވަތަ މަންފާއެއް ހޯދައިދިނުމުގެ މަގުސަދުގައި ބަދަލުކޮށް ނުވަތަ ފާސްކޮށްފައިވާ ގާނޫނުތަކާއި ގަވާއިދުތައް މުރާޖައާ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ.
ގާނޫނު އަސާސީގެ 109 ވަނަ މާއްދާގައި މީގެ ކުރިން އޮންނަނީ ބޭރު ގައުމެއްގެ ރައްޔިތަކަށް ރާއްޖޭގެ ރައީސް ކަމުގެ މަގާމަށް ކުރިމައްޗެއް ނުލެވޭނެއެވެ. ނަމަވެސް ބޭރުގެ ރައްޔިތުކަން ދޫކޮށްލައިފިނަމަ ރިޔާސީ އިންތިހާބަށް ވާދަކުރެވޭނީ ވަކި މުއްދަތެއް ފަހުން ކަމަށް ގާނޫނު އަސާސީގައި އަދި ގާނޫނެއްގައި ވެސް ކަނޑައަޅާފައެއް ނޯވެއެވެ.