އުރީދޫ މޯލްޑިވްސް އިން ކޮންމެ އަހަރަކު ބާއްވާ ކަލަ ރަންގެ ފޯރި އިތުރުކުރުމުގެ ގޮތުން، ދުވުން ބާއްވާ ހަފުތާ ބަންދަށް ހާއްސަ ހަރަކާތްތަކެއް ރާވައިފިއެވެ.
އުރީދޫ އިން ބުނީ، ނޮވެމްބަރ 29 އަދި 30 ވާ ހަފްތާ ބަންދަށް ވަރަށް ހާއްސަ ހަރަކާތްތަކެއް ރާވާފައި ވާ ކަމަށެވެ.
އާއިލާ އާއި ރައްޓެހިންނާއި އެކު ހިތްގައިމު ވަގުތުތަކެއް ހޭދަކުރުމަށް ފުރުސަތުދީ، އުރީދޫ އިން ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި މޫދު މަޖާ އާއި އުރީދޫ ކައިޓް ފެސްޓިވަލް އާއި އުރީދޫ ކަލަ ރަންގެ އިތުރުން ކަލަ ރަން މިއުޒިކް ފެސްޓީވް ހިމެނެއެވެ.
އުރީދޫ މޫދު މަޖާ އޮންނާނީ އަންނަ މަހުގެ 29 ވަނަ ދުވަހުގެ ހެނދުނު 8:00 އިން 10:30 އަށެވެ. އަދި އިތުރުން އުރީދޫ ކައިޓް ފެސްޓިވަލް އޮންނާނީ ނޮވެމްބަރު 29 ވަނަ ދުވަހުގެ ހަވީރު 4:00 އިން 6:00 އަށެވެ. މީގެ އިތުރުން ނޮވެބަރު 30 ވަނަ ދުވަހު، އުރީދޫ ކަލަ ރަން އޮންނާނެ ކަމަށެވެ. ހަވީރު 3:30 އިން 6:00 އަށް ކުރިއަށްދާ ފަސް ކިލޯ މީޓަރުގެ ދުވުމެކެވެ.
ކަލަ ރަން ހަރަކާތަށް ފަހު އެރޭ 8:30 އިން 11:00 އަށް މިއުޒިކް ފެސްޓިވަލް އޮންނާނެއެވެ. ކަލަ ރަން ނިމުމަށް ފަހު، ހޮނިހިރު ދުވަހުގެ ރޭގަނޑު ހާއްސަކޮށްފައިވަނީ ރާއްޖޭގެ ކުޅަދާނަ މިއުޒިކީ ތަރިންނާ އެކު ބާއްވާ މިއުޒިކް ޝޯއަކަށެވެ. މިފަހަރުގެ މިއުޒިކް ޝޯގައި ހަބޭސް ބޮޑުބެރު، މޫޝާން އަދި ޒަކިއްޓެގެ އިތުރުން އެހެން އާޓިސްޓުން ފެންނާނެ ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.
މި އަހަރު އަލަށް އައްޑޫގައި ވަނީ ކަލާރަން ބާއްވާފައެވެ. އައްޑޫގައި ދިރިއުޅޭ ރައްޔިތުންގެ ބޮޑު ތަރުހީބަކާއެކު އުރީދޫ މޯލްޑިވްސްގެ ކަލަރަން މިދިޔަ ޖޫން މަހުގައި ބާއްވާފައި ވާއިރު އައްޑޫ ރައްޔިތުންގެ ބޮޑު ތަރުހީބެއް ލިބިފައި ވާކަމަށް އުރީދޫ މޯލްޑިވްސް އިންވަނީ ބުނެފައެވެ.