ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ތައިލެންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ ރަސްމީކޮށް ހުޅުވައިދެއްވަފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، މި އެމްބަސީ ރަސްމީކޮށް ހުޅުވުމަކީ ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ބަދަހިވަމުން ދާކަމުގެ ނިޝާނެއް ކަމަށެވެ. އަދި ބެންކޮކްގައި ހުޅުވުނު މިއެމްބަސީ މެދުވެރިކޮށް ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ޕްރޮމޯޓްކޮށް، ތައިލެންޑަށް ޒިޔާރަތްކުރާ އަދި އެގައުމުގައި ދިރިއުޅޭ ދިވެހިންނަށް ފޯރުކޮށްދޭ ކޮންސިއުލާ ހިދުމަތް ފުޅާވެގެން ދާނެކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ބައިނަލްއަގްވާމީ މުޖްތަމައުގައި ދެގައުމު ގުޅިގެން މަސައްކަތް ކުރުމަށް އިތުރު ބާރަކަށް ވެގެން ދާނެކަމަށްވެސް މިނިސްޓްރީން ބުނެއެވެ. ތައިލެންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ ރަސްމީކޮށް ހުޅުވާފައިވަނީ ބައިނަލްއަގްވާމީ މުޖްތަމައާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ތެރެއިންކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

އެމްބަސީ ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ޝާހިދު ވަނީ އެކި ދާއިރާތަކުން ދިވެހިރާއްޖެއާއި ތައިލެންޑާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވަމުން އަންނަކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިންނާއި، ތައުލީމީ، އަސްކަރީ، އަދި ފަތުރުވެރިކަމުގެ ދާއިރާއިން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވަމުން އަންނައިރު، ކުރިއަށް އޮތްތަނުގައި މިގުޅުންތައް އިތުރަށް ފުޅާވެގެން ދާނެކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ތައިލެންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ރަސްމީ ވެބްސައިޓްވެސް ވަނީ ލޯންޗްކޮށްފައެވެ.