އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ފަޅާއަރުވާލި ގާސިމް އަބްދުލްކަރީމް މޯލްޑިވްސް ސެންޓާ ފޯ އިސްލާމިކް ފައިނޭންސް ލިމިޓެޑް (އެމްސީއައިއެފް)ގެ ޗެއާމަންގެ މަގާމަށް އައްޔަން ކޮށްފިއެވެ.
އެމްސީއައިއެފްގެ ޗެއާމަންގެ މަގާމަށް އައްޔަން ކޮށްފައި ވަނީ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުގެ ފަރާތުން ނެވެ. އެމްސީއައިއެފް އަކީ ރާއްޖޭގައި އިސްލާމިކް ފައިނޭންސް ކުރިއަރުވާ ތަރައްގީ ކުރުމަށާއި ދެކުނު އޭޝިއާ ސަރަހައްދުގައި އިސްލާމިކް ފައިނޭންސްގެ މަރުކަޒަކަށް ރާއްޖެ ހެދުމުގެ މަގުސަދުގައި، ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުގައި އުފެއްދި ސެންޓަރެކެވެ.
ގާސިމަކީ ބޭންކް އޮފް މޯލްޑިވްސްގެ ފ. ނިލަންދޫ ބްރާންޗުގެ ކުރީގެ މެނޭޖަރެވެ. އޭނާ އެ މަގާމުގައި ހުރެ، ބީއެމްއެލްގެ ކަސްޓަމަރެއްގެ މައުލޫމާތު ލީކް ކުރި މައްސަލާގައި 8 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވެއެވެ. އެ ހުކުމް ތަންފީޒު ކުރުމަށް ފަހު އޭނާ ޖަލުން މިނިވަންވެފައި ވަނީ 2016 ވަނަ އަހަރުގެ ފަހުކޮޅުއެވެ.
އެމްސީއައިއެފްއެލްގެ ބޯޑަށް މިދިޔަ ފެބްރުއަރީ މަހުވެސް ސަރުކާރުން ދެ ބޭފުޅަކު އައްޔަން ކޮށްފައިވެއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުގެ ފަރާތުން އެ ސެންޓަރުގެ ޗެއާމަން ކަމަށް ގާސިމް އައްޔަން ކޮށްފައި ވާއިރު، އިތުރު ދެ ކުންފުންޏެއްގެ ބޯޑަށް ވެސް މެމްބަރުން ވަނީ އައްޔަން ކޮށްފައެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަންގެ ޑިރެކްޓަރުކަމަށް މަރިޔަމް ރަޝީދާ އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޑިރެކްޓަރުކަމަށް ޖާދުﷲ ނާޒިމް ވަނީ އައްޔަން ކޮށްފައެވެ.