އާދަޔާ ހިލާފަށް ހޫނުގަދަވެ، ވައިގަދަވުމުގެ ސަބަބުން ލުބްނާނުގެ އެކި ހިސާބުތަކުގައި ހަލުވިކަމާއެކު ވަރުގަދަ އަލިފާންގަނޑުތަކެއް ރޯވެ އަނދަން ފަށައިފިއެވެ.

އެކި ހިސާބުތަކުގައި ރޯވާން ފެށި އަލިފާންގަނޑުތައް ކޮންޓްރޯލް ކުރުމަށް، އަލިފާން ނިއްވާ ފަރާތްތަކުން މަސައްކަތްކުރަމުންދަނިކޮށް އިއްޔެ ހަވީރުގެ ވަގުތުތަކުގައި ހިސާބަކަށް ވާރޭވެހެން ފެށުމާއެކު، ކޮންމެވެސް ވަރަކަށް އަލިފާންގަނޑުތައް ކޮންޓްރޯލް ވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ލުބްނާނުގެ ސިވިލް ޑިފެންސްގެ ޑައިރެކްޓާ ޖެނެރަލް ރޭމަންޑް ހައްތާރު ވިދާޅުވީ، ފާއިތުވީ 2 ދުވަހުގެ ތެރޭގައި، އެގައުމުގެ އުތުރުން ދެކުނަށް ބަލާއިރު، 100 އަށްވުރެ ގިނަ އަލިފާންގަނޑުތައް ރޯވެފައިވާކަމަށާ، މިއީ ފާއިތުވީ އަހަރުތަކުގައިވެސް އެގައުމުގެ ޖަންގަލިތަކުގައި ރޯވެފައި ނުވާ ފަދަ ވަރުގަދަ އަލިފާންގަނޑުތަކެއް ކަމަށެވެ.

މި ހާދިސާތަކާ ގުޅިގެން މިހާތަނަށް 2 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށް ޚަބަރު ލިބެއެވެ. އެއީ އަލިފާން ނިއްވަން އުޅުމުގެ ތެރޭގައި މަރުވި މީހެއްގެ އިތުރުން، އަލިފާން ނިއްވާ އުޅަނދެއްގެ ދަށުވެ މަރުވި މީހެއް ކަމަށް މައުލޫމާތު ލިބެއެވެ. އަލިފާނުގެ ހާދިސާތަކާ ގުޅިގެން އެކި ކަހަލަ ޒަހަމްތައް ލިބުނު 70އަށްވުރެ ގިނަ މީހުންނަށް ފަރުވާ ދީފައިވާކަމަށް ރެޑް ކްރޮސްއިންވެސް ވަނީ ހާމަކޮށްފައެވެ.

ލުބްނާނަކީ ގިނަ އަދަދަކަށް ރެފިއުޖީންވެސް ދިރިއުޅެމުންދާ ގައުމެކެވެ.