މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ ރިޕޯޓު ދައުލަތުން އެކަށައަޅާ، މިނިވަން ޕެނަލަކުން ތަހުގީގު ކުރުމަކީ އެކަމުގައި އޮތް އެންމެ ރަނގަޅު ގޮތް ކަމަށް ކުރީގެ ބަންޑާރަ ނާއިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

އެމްޑީއެންގެ ރިޕޯޓުގައި ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކޮށް ބަދުބަސް ބުނެފައިވާ މައްސަލައާ ގުޅިގެން އެތައް ބަޔަކު އަންނަނީ އެ ޖަމިއްޔާ އުވާލާ އެކަމުގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތަކަށް ގޮވާލަމުންނެވެ.

ކުރީގެ ބަންޑާރަ ނާއިބު ދިޔާނާ މިއަދު ވިދާޅުވީ ޝަރީއާއާއި ގާނޫނުތައް ބުނާ ގޮތުން މީހަކާ މެދު ތުހުމަތު އުފުލިފައި ވާ މީހަކަށް އެ ތުހުމަތުތައް އުފުލުނު މައްސަލައެއް ނުބެލޭނެއެވެ. އަދި އެއީ ތަޢައްސުބުން އެއްކިބާވެފައިވާ ކަމަކަށް ނުވާނެ ކަމަށްވެސް ދިޔާނާ ވިދާޅުވިއެވެ.

ދިޔާނާ އިތުރަށް ވިދާޅުވީ އެމްޑީއެންގެ ރިޕޯޓުގައި ހައްދު ފަހަނައަޅާފައިވާ ހަރުކަށި ފިކުރު ފަތުރާ ބައެއް ކަމަށް ބުނެ ބައެއްގެ ނަން ތަކެއް ލިސްޓު ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ ލިސްޓުގައިވާ ފަރާތްތަކަށް ތަޢައްސުބެއް ނެތި އެ ރިޕޯޓު ދިރާސާ ނުކުރެވޭނެ ކަމަށް ދިޔާނާ ވިދާޅުވިއެވެ. އެއާއެކު އެންމެ ރަނގަޅު ގޮތަކީ މިނިވަން ޕެނެލަކުން އެ މައްސަލަ ތަހުގީގު ކުރުން ކަމަށްވެސް ދިޔާނާ ވިދާޅުވިއެވެ.

ދިޔާނާ އިޝާރާތް ކުރައްވަނީ ކޮން ނަމެއް ލިސްޓުގައި އޮވެގެން ކަމެއް ވިދާޅު ނުވިނަމަވެސް އެރިޕޯޓުގައި ހިމަނާފައިވާ ލިސްޓުގައި ރާއްޖޭގެ ބައެއް އިލްމުވެރިންގެ ނަން ހިމެނެއެވެ.

އެމްޑީއެންގެ މައްސަލާގައި އިއްޔެ ވަނީ ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން އެއްތަންވެ، އެ ޖަމިއްޔާ ވަގުތުން އުވާލުމަށް ގޮވާލައިފައެވެ. އެ ޖަމިއްޔާ އުވާލުމަށް ގިނަބަޔަކު ގޮވަމުން އަންނައިރު އެ ޖަމިއްޔާގެ ދިފާއުގައި ބައެއް ފަރާތްތަކުން ގެންނަނީ ވާހަކަވެސް ދައްކަމުންނެވެ.

ޔޫތު މިނިސްޓްރީން މިހާރު ވަނީ އެ ޖަމިއްޔާ ސަސްޕެންޑު ކޮށްފައެވެ.