އިންޑިއާގައި ހުރި ސާލަމަތީ ކަންބޮޑުވުންތަކަށް ހައްލު ހޯދާ ދިނުމުގެ ގޮތުން، "ވަލުދޮރޯށި" ބޭނުން ނުކުރެވޭ ފަދަ އެއްބަސްވުމެއް އެގައުމާއެކު އެކުލަވާލަން ތައްޔާރަށް އޮތް ކަމަށް، ޗައިނާގެ އެންމެ ބިޔަ ޓެލެކޮމް ކުންފުނިކަމަށްވާ ވާވޭ ޓެކްނޮލޮޖީޒްއިން ހާމަކޮށްފިއެވެ.

ވާވޭ ޓެކްނޮލޮޖީޒްއިން މިކަން ހާމަކޮށްފައި މިވަނީ ފިފްތް ޖެނެރޭޝަން އިންޓަނެޓް ނުވަތަ 5ޖީ ނެޓްވާކްގެ ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށް އިންޑިއާއިން އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ދަނޑިވަޅެއްގައެވެ. ހަމަ އެހެންމެ، މި މިވަގުތަކީ ޗައިނާގެ 5ޖީ ޓެކްނޮލޮޖީ ކުންފުނިތަކަކީ އެހެން ގައުމުތަކަށް ފާރުލުމަށްޓަކައި ޗައިނާއިން ބޭނުންކުރާ "ވަލުދޮރޯށި" ކަމަށް ތުހުމަތުކޮށް، ޗައިނާގެ ކުންފުނިތަކާއެކު ވިޔަފާރީގެ އެއްބަސްވުންތައް އެކުލަވާ ނުލުމަށް އެމެރިކާއިން ބާރު އަޅަމުންދާ ވަގުތެއްވެސް މެއެވެ.

ޗައިނާއިންދަނީ އެމެރިކާގެ ތުހުމަތުތަކަށް އިންކާރުކުރަމުންނެވެ.

ވަޔަލަސް ނެޓްވާކްގެ ހިދުމަތަށް ބަލާއިރު ދުނިޔޭގައި 2 ވަނައަށް އެންމެ ބޮޑު މާކެޓެއް އޮތީ އިންޑިއާގައެވެ. އެގައުމުން 5ޖީ ނެޓްވާކް އިންޓަނެޓް ދޭނެ ފަރާތެއް ހޯދުމަށްޓަކައި އޭއާވޭވްތައް ނީލަން ކިއުމުގެ މަސައްކަތް، އަންނަ އަހަރުގެ މާޗް މަހުގެ ކުރިން ކުރިއަށް ގެންދާނެކަން އިންޑިއާގެ ޓެލެކޮމް ވަޒީރު ރާވީ ޝަންކަރު ޕްރަސާދު ވަނީ ހާމަކުރައްވާފައެވެ.

އިންޑިއާގެ ބާރްތީ އެއާޓެލްއާއި ވޮޑާފޯންގެ އިތުރުން އެކުންފުނިތަކާ ވާދަވެރި ވިލާތުގެ ނޮކިއާއާއި އެރިކްސަން ކުންފުނިންވެސް މީގެ ކުރިންވަނީ 2ޖީ، 3ޖީ އަދި 4ޖީ ހިދުމަތް ތަރައްގީ ކުރުމަށް ވާވޭއާއި އެކުގައި މަސައްކަތް ކޮށްފައެވެ.