މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމްދީނާއި ރަސޫލާއަށް ބަދުބަސް ބުނެ ނެރެފައިވާ ރިޕޯޓު ލިޔުނު އެކަކުވެސް ރާއްޖޭގައި ނެތްކަމަށް މައުލޫމާތު ލިބިއްޖެއެވެ.
އެމްޑީއެންގެ ޑިރެކްޓަރު ޖެނެރަލް ޝަހިންދާ އިސްމާއީލްވެސް ހުންނެވީ ޖަރުމަނުގައި ކަމަށް ބައެއް މަސްދަރުތަކުން ވަނީ ބުނެފައެވެ. އެނގިފައިވާގޮތުގައި އެމްޑީއެންގެ މި ރިޕޯޓު ލިޔުމުގައި އުޅުނު ބައެއް އެހެން ފަރާތްތައްވެސް ރާއްޖޭގައި ނެތްކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މި ރިޕޯޓުގެ މައްސަލައިގައި ފުލުހުން ބުނީ އެމްޑީއެންގެ އެ ރިޕޯޓު ފުލުހުންގެ ސަމާލުކަމަށް އައި އިރުވެސް އެ ޖަމިއްޔާގެ އެގްޒެކެޓިވް ޑިރެކްޓަރު ޝަހިންދާ އިސްމާއީލް ރަށުގައި ނޫޅުއްވާ ކަމަށެވެ. ނަމަވެސް އެމްޑީއެންގެ ރިޕޯޓާ ގުޅޭ ތަހުގީގަށް ޝަހިންދާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމެއް ނުވަތަ ނޫން ކަމެއްވެސް ފުލުހުން ބުނެފައި ނުވެއެވެ. މިކަމާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، އިސްލާމްދީނާ ދެކޮޅަށް ވާހަކަތައް ދައްކާ ފަރާތްތަކަށްވެސް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އަދި ހަމަ އެފަދައިން ހަމަނުޖެހުން އުފެދޭ ގޮތަށް އިންޒާރުދޭ ފަރާތްތަކަށް ވެސް ފިޔަވަޅު އަޅުއްވާނެ ކަމަށް ކޮމިޝަނަރާ ވިދާޅުވެފައި ވެއެވެ.
މި މައްސަލައާއި ގުޅިގެން އެމްޑީއެންގެ ޗެއާޕާސަން ނޫޝީން ވަހީދު ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އޭނާ މިވަގުުތު ދަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކައުންޓާ ޓެރަރިޒަމް ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންނެވެ.
އެމްޑީއެންގެ ރިޕޯޓާ ގުޅިގެން އާއްމު ރައްޔިތުން އެ ޖަމިއްޔާ އުވާލުމަށް ގޮވަމުން އަންނަތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އިންސާނީ ހައްގުތަކާއި އިންސާނީ ކަރާމާތާއި އަދި ކުރިއަރަމުން އަންނަ ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓާ ހިފެހެއްޓުމަށް ކަމަށްބުނެ އުފެއްދި އެމްޑީއެންއަކީ މީގެކުރިންވެސް އެތައް ބައެއްގެ ފާޑު ކިއުންތައް އަމާޒުވެފައިވާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއަކީ ރާއްޖޭގައި އިސްލާމްދީން ނައްތާލަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށް ބުނެވެސް މީގެކުރިން ބައެއް ފަރާތްތަކުން ވަނީ އަޑު އުފުލާފައެވެ.
އެ ޖަމިއްޔާގެ ރިޕޯޓުގައި ކީރިތި ގުރުއާނުގެ ސަބަބުން ގެވެށި އަނިޔާއަށް މަގުފަހިވާ ކަމަށް ބުނެފައި ވާއިރު އިސްލާމީ ހުދޫދަކީ އަނިޔާއެއްގެ ގޮތުގައި ވެސް ވަނީ ސިފަ ކޮށްފައެވެ. އިސްރާ އާއި މިޢުރާޖަށް ކީރިތި ރަސޫލާ އަރާވަޑައިގެންނެވުމަކީ ހިޔާލީ ވާހަކައެއް ކަމަށްވެސް ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ. ރާއްޖޭގައި ޣައިރު މުސްލިމުންނަށް އަޅުކަން ކުރެވޭ ގޮތަށް ތަންތަން ހަދަން ޖެހޭ ކަމަށް ވަކާލާތު ވެސް ކޮށްފައި ވެއެވެ.
އިސްލާމިކް މިނިސްޓްރީން މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވާއިރު ޔޫތު މިނިސްޓްރީން ވަނީ އެމްޑީއެން ސަސްޕެންޑުވެސް ކޮށްފައެވެ. އެ ޖަމިއްޔާ ސަސްޕެންޑު ކުރުމާ ގުޅިގެން ޝަހިންދާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެޖަމިއްޔާ ސަސްޕެންޑު ކުރިއިރު ރިޕޯޓާ ގުޅިގެން ޖަވާބުދާރީ ވުމުގެ ފުރުސަތުވެސް ދެއްވާފައިނުވާ ކަމަށެވެ. އަދި އެޖަމިއްޔާއާ މެދު ފިޔަވަޅު އަޅާފައިވަނީ އުސޫލުތަކާ ހިލާފަށް ކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ އެވާހަކަ ދައްކަން ފައްޓައިފި ނަމަ ބައިނަލް އަގުވާމީ މުޖުތަމައުގައި ރައީސް ސޯލިހު ޖަވާބުދާރީވެ ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.