ބަންޑާރަ ނައިބު އޮފީހުން މަޖިލީހަށް ބިލު ހުށަހެޅުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީށް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
19 ވަނަ ރައްޔިތުން މަޖިލީހުގެ 52 ވަނަ ޖަލްސާ މިއަދު ކުރިއަށް ދިޔައިރު، ނަޝީދު މަޖިލިސް ފައްޓަވަމުން ވިދާޅުވީ، ގާނޫނު އެކުލަވާލުމާއި، ގާނޫނަށް ބަދަލު ގެނައުމާއި، އަދި ގާނޫނު އުވާލުމުގެ އެންމެހައި މަސައްކަތް ކުރަންޖެހޭނީ މި މަޖިލީހުން ކަމަށެވެ. އަދި ގާނޫނު ހެދުމުގެ އެންމެހާ މަސައްކަތް ގާނޫނުއަސާސީން ހަވާލު ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށް ވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ، ބަންޑާރަ ނައިބު އޮފީހުން ހައްދަވަން ބޭނުންވެވަޑައިގަންނަވާ ގާނޫނެއް މި މަޖިލީހަށް ހުށަހެޅުމުގައި އެއްވެސް ހާލެއްގައި ހުރަހެއް ނެތް ކަމަށެވެ.
މީގެ ކުރިން ސަރުކާރުގެ ފަރާތުން ގާނޫނުތައް ހެދުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ފޮނުވަނީ ދައުލަތުގެ ބަންޑާރަނައިބެވެ. ނަމަވެސް މީގެ ކުރިން ރައްޔިތުންގެ މަޖިލިހުން ބިލްތައް ޑްރާފްޓް ކުރުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށާއި، ބިލްތައް ޑްރާފްޓް ކުރުމުގެ މަސައްކަތް މަޖިލީހުން ފެށީ މަސައްކަތްތައް ހަލުވިކޮށް، ނިންމަން ހުރި ގާނޫނުތައް އަވަހަށް ނިންމުމަށް ކަމަށް ނަޝީދު ވިދާޅުވެފައި ވާއިރު، އޭޖީއާއި ބައެއް ފަރާތްތަކުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. މިކަމާ ގުޅިގެން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވަނީ މަޖިލީހުގެ ނަޒާހަތްތެރި ކަމާމެދު ސުވާލު އުފައްދަވާފައެވެ.
އެކަމަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ނަޒާހަތްތެރިކަމާ ގުޅިފައި އޮންނާނީ މަޖިލީހުގެ ވަސީލަތްތައް ބޭނުން ކޮށްގެން މެންބަރުންގެ ގޭގެ ލައިގެންކާނެ އެއްޗެއްސަށް ނުވަތަ އަންނައުނަށް ހަރަދު ކުރުން ނޫން ކަމަށެވެ. މަޖިލީހުގެ ވަސީލަތްތައް ބޭނުން ކުރާނީ ގާނޫނުތައް ހަދަން ކަމަށާއި އެކަން އެއްވެސް ވަރަކަށް އޮޅިފައި ނުވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މަޖިލީހުގައި ކުރިޔަށް އޮތްތަނުގައި ވެސް ބިލު ޑްރާފްޓު ކުރުމުގެ މަސައްކަތް ކުރަޔަށް ދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.