ޖައްމުއާއި ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގެ މަސްރަހު އާންމު ހާލަތަށް ރުޖޫއަވުމަށް އަދި 4 ވަރަކަށް މަސްދުވަސް ވާނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވިދާޅުވެއްޖެއެވެ.

މަހާރާޝްތްރާގައި ކުރިއަށް ދިޔަ ރެލީއެއްގައި ވާހަކަފުޅުދައްކަވަމުން މޯދީ ވިދާޅުވީ، ޖައްމުއާއި ކަޝްމީރުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާގެ ސަރުކާރުން ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތަކެއް މިހާރުވެސް އަޅަމުންދާ ކަމަށެވެ.

ޖައްމުއާއި ކަޝްމީރަކީ އިންޑިއާގައި މުސްލިމުންނަށް މެޖޯރިޓީ އޮތް ހަމައެކަނި ސްޓޭޓު ނަމަވެސް، އެ ސްޓޭޓްގެ ދަރަޖަ މިހާރު ވަނީ ޔޫނިއަން ޓެރިޓަރީތަކެއްގެ ދަރަޖައަށް ދަށްކޮށްފައެވެ. ކަންމިހެން އޮތް ނަމަވެސް، ޖައްމުއާއި ކަޝްމީރަށް ވަރަށް އަވަހަށް ސްޓޭޓެއްގެ ދަރަޖަ އަލުން ލިބިގެންދާނެ ފަދަ އިޝާރާތެއް، އިންޑިއާގެ ދާހިލީ ވަޒީރު އަމީތު ޝާހް ވަނީ ކުރައްވާފައެވެ.

ގާތްގަނޑަކަށް 2 މަހެއްހާ ދުވަހުގެ މެދުކެނޑުމަށްފަހު، ޖައްމުއާއި ކަޝްމީރުގެ ސަރަހައްދު މިހާރުވަނީ ފަތުރުވެރިންނަށް ހުޅުވާލާފައެވެ. މައުލޫމާތު ލިބޭ ގޮތުގައި އޯގަސްޓް މަހުގެ ކުރީކޮޅު މެދުކަނޑާލި ފޯނުގެ ހިދުމަތްތައްވެސް މިއަދުގެ ވަގުތެއްގައި އަލުން ދޫކުރަން ފަށާނެއެވެ.