ޅަ އުމުރުގެ ޒުވާން ދުވަސްތަކަކީ ސްމާޓްފޯނާ ވަކިނުވެވި އެއަށް ދެވި ހިފައިގެން އުޅެންޖެހޭ ދުވަސްވަރަކަށްވެއްޖެ ނަމަ އެކަނިވެރިކަމާ، އިންތިހާ މާޔޫސްކަން ނުވަތަ ޑިޕްރެޝަންގެ އަނދަވަޅަކަށް އެމީހަކު ވެއްޓުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

މި ދިރާސާއަކީ، ފުރަތަމަ ކުރިމަތިވަނީ ޑިޕްރެޝަން ތޯ ނުވަތަ ސްމާޓްފޯނު އެޑިކްޝަންއެއް ތޯ ބެލުމަށް ކުރިއަށް ގެންދިޔަ ދިރާސާއެއް ކަމަށްވާއިރު، ދިރިސާގެ ހޯދުންތަކުން ދައްކާ ގޮތުގައި، ސްމާޓްފޯނަށް ބަރޯސާވުމާ ޑިޕްރެޝަންއާއި އެކަނިވެރިކަމުގެ އަލާމާތްތައް ފެނުމާ ދެމެދު އޮތް ގުޅުންތަކެއް ވަނީ ފާހަގަކުރެވިފައެވެ.

ނަމަވެސް މި އަލާމާތްތަކަކީ ސްމާޓްފޯނަށް ބަރޯސާވުމުގެ ކުރިންވެސް ހުރި އާލާމާތްތަކެއް ކަން ކަށަވަރުކުރެވިފައެއް ނުވެއެވެ. ނަމަވެސް، އުމުރުން 18 އަހަރާ 20 އަހަރާ ދެމެދުގެ 346 ޒުވާނަކު ބައިވެރިކޮށްގެން ޔުނިވާސިޓީ އޮފް އެރިޒޯނާގެ ޓީމަކުން ކުރިއަށް ގެންދިޔަ ދިރާސާގެ ހޯދުންތައް ދައްކާ ގޮތުން، ޑިޕްރެސްވެގެން ސްމާޓްފޯނަށް ބަރޯސާވުމަށްވުރެ، ސްމާޓްފޯނަށް ބަރޯސާވެގެން ޑިޕްރެޝަނަށް ދިއުމުގެ އަލާމާތްތައް ފެންނަ މިންވަރު އިތުރުކަން ވަނީ ސާބިތުކުރެވިފައެވެ.

ސަމްސަންގްއިން ދައްކާލި ފަތްޖަހާލެވޭ ސްމާޓްފޯނު/ފޮޓޯ:ސަމްސަންގް

އެގޮތުން، ސްމާޓްފޯނާ ދުރުގައި ހޭދަކުރަންޖެހޭ ވަގުތުތަކަކީ ޒުވާނުން އިންތިހާއަށް ހާސްވެ ނުތަނަވަސްވިކަމެއް ކަމަށާ، އެ ޒުވާނުންގެ ދުވަހުގެ ހުރިހާ ކަމަކާވެސް ސްމާޓްފޯނު ގުޅިފައިވާކަމަށް ދިރާސާއިންވަނީ ދައްކާފައެވެ. އަދި ސްމާޓްފޯނު ނެތުމަކީ ދިރިއުޅުމަށް ލިބޭ އުނިކަމެއްގެ ގޮތުގައިވެސް އެ ޒުވާނުންނަށް އިހުސާސްވި ކަމަށް ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ. އަތުގައި ސްމާޓްފޯނު ނެތިއްޖެނަމަ "ޕެނިކް" ވާ ކަމުގެ ޝަކުވާ އުފުލި ޒުވާނުންވެސް ދިރާސާގެ ބައިވެރިންގެ ތެރޭގައި ތިއްބެވެ.

ދިރާސާ ރިޕޯޓް އެކުލަވާލުމުގައި އިސްކޮށް ހަރަކާތްތެރިވި ޕެންގްފޭއީ ޝާއޯ ބުނާ ގޮތުގައި، ސްމާޓްފޯނާ ނަފްސާނީ ދުޅަހެޔޮކަމުގެ ހާލަތާ ދެމެދު އޮތް ގުޅުން ދެނެގަނެ، ނަފްސާނީ ގޮތުން ނިކުމެދާނެ ނޭދޭވޭ ނަތީޖާތައްވެސް ދެނަގަނެ އެކަމަށް ކުރުމަތިލާނެ ގޮތެއް ހޯދުން އިންތިހާއަށް ވަނީ މުހިންމުވެފައެވެ.

މާޔޫސްވެ ކަންބޮޑުވެފައި ހުރި ފިރިހެނެއް/ފޮޓޯ: އެންޑްރޯލޮޖީ ސެންޓާ

ދިރިއުޅުމުގެ ކަންކަމާ މާޔޫސްވެ ހާސްވާ ގޮތްވުމުން ސްމާޓްފޯނަކަށް ބަރޯސާވުމުގެ ބަދަލުގައި ނަފްސުގެ ހަމަޖެހުން ހޯދާނެ އިތުރު ގޮތްތަކުން އެކަން ހަމައަކަށް އަޅުވަން ދަސްކުރުމަށް މި ދިރާސާގައިވަނީ ގޮވާލާފައެވެ.