ސިއްހީ ދާއިރާ ތަރައްގީ ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންނެވި ވައުދުފުޅުގެ ތެރެއިން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ސީޓީ ސްކޭން އަދި ކާޑިއެކް ސެންޓަރު އުފައްދާ އެތަނުން ހިދުމަތް ދޭން ފެށުމާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރައީސް ސޯލިހަށް ޝުކުރު ދަންނަވައިފިއެވެ.

ރައީސް ސޯލިހަށް ޝުކުރު ދަންނަވާ މިއަދު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއަދަކީ އުފާވެރި ދުވަހެއް ކަމަށާއި، ސިއްހީ ހިދުމަތްތައް ލާމަރުކަޒު ކުރެވި ތަރައްގީވެ ގާތުން އަވަހަށް ހިދުމަތް ދެވިގެން ދިއުމަކީ ރައްޔިތުންނަށް އެންމެ ފައިދާ ކުރާނެ ގޮތް ކަމުގައި އެމްޑީޕީން އައީ އަބަދުވެސް ދެކެމުން ކަމަށެވެ.

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ސީޓީ ސްކޭން އަދި ކާޑިއެކް ސެންޓަރުގެ ހިދުމަތް ރަސްމީކޮށް ފަށަފައި ވަނީ ރޭ އެ ރަށު ތައުލީމީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ ހޮސްޕިޓަލުގެ ކާޑިއެކް ސެންޓަރުން އެކޯ ކާޑިއޯގްރާމާއި ތްރެޑްމިލް ޓެސްޓިން އަދި ހޯލްޓާ މޮނިޓަރިން ޓެސްޓުތައް ހެދޭ އިރު، އެ ހޮސްޕިޓަލުން 64000 މީހުންނަށް މި ހިދުމަތް ލިބިގެން ދާނެ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

މިހާތަނަށް އައި އިރު އެވްރެޖްކޮށް ދުވާލަކު 305 ބަލިމީހުން ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ހިދުމަތް ހޯދާކަމަށާއި އަދި ހޮނިހިރު ދުވަހު އެވްރެޖްކޮށް 650 މީހުން ހިދުމަތް ހޯދާ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ. އެ ހޮސްޕިޓަލުން ހިދުމަތް ހޯދުމަށް ހއ. ހދ އަދި ށ. އަތުޅުން މީހުން ދާ އިރު، އެ ހޮސްޕިޓަލުގައި 28 ޑޮކްޓަރުންނާއި 78 ނަރުހުންނާއި 16 މެޑިކަލް ޕްރެކްޓީޝަނުން ފަރުވާދެމުން ދެއެވެ.