ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމަށާއި ދިވެހިންގެ ތެރޭގައި ދުޅަހެޔޮ ހަށިހެޔޮ ދިރިއުޅުމެއް ބައްޓަން ކުރުމަށް "މިޝަން ފިޓް މޯލްޑިވްސް" ގެ ނަމުގައި ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތުގެ އެމްބެސަޑަރަކަށް ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ސުނިލް ޝެޓީ ހަމަޖެއްސުމުން ފިޓްނަސްގެ ދާއިރާގައި މަގުބޫލުކަން ހޯދާފައިވާ ފާޒިލް އިސްމާއިލް (ފިޓް ފާޒިލް) ނުރުހުން ފާޅުކޮށްފިއެވެ.

ފާޒިލް ވަނީ އެފްބީ ޕޯސްޓެއްގައި މަހްލޫފަށް ރައްދުދީ ޕޯސްޓެއް ކޮށްފައެވެ. ރާއްޖެއިން ބޭރުގެ ފަރާތަކަށް "މިޝަން ފިޓް މޯލްޑިވްސް" ގެ އެމްބެސަޑަރުކަން ދިނުމަކީ ރާއްޖޭގައި ފިޓްނަސް ދާއިރާގައި މަސައްކަތް ކުރާ ފުންނާބު އުސް ފަރާތަތަކުގެ މޫނުމަތީ ޖެހުން ކަހަލަ ކަމެއް ގޮތުގައި ފާޒިލް ސިފްކޮށްފައި ވެއެވެ. އަދި ފިޓްނަސް ދާއިރާގައި ބުރަ މަސައްކަތް ކޮށްގެން ކުރިއަށް ދާން މަސައްކަތް ކުރާ ފަރާތަތްކުގެ ރޫހު މަރާލުން ފަދަ ކަމެއް ގޮތުގައި ފާޒިލް އެކަން ސިފަކޮށްފައި ވެއެވެ.

ފާޒިލް ބުނީ، ރާއްޖޭގައި އެ 'އައިކަން' ދެވޭ ވަރުގެ ގާބިލުކަން ހުރި މީހުން އެބަތިބި ކަމަށެވެ. އަދި އެކަން އެގޮތަށް ކުރުމުން އޭނާ ވަނީ މަހްލޫފް ޓެގްކޮށް އެ މަގާމަށް ގާބިލްކަންހުރި ދިވެހިން ނެތީތޯ ބުނެ ސުވާލު އުފައްދާފައެވެ. މީގެ އިތުރުން މިކަމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި އަންނަނީ އާންމުން ވެސް ފާޑުކިޔަމުންނެވެ.

ފިޓްނަސް ދާއިރާއިން މަގުބޫލުކަން ހޯދާފައިވާ ފާޒިލް އިސްމާއިލް (ފިޓް ފާޒިލް) / ފޮޓޯ: ސޯޝަލް މީޑިއާ

މީގެ އިތުރުން ފާޒިލް ބުނެފައިވަނީ މިވަގުތަކީ ރާއްޖޭގައި ދުޅަހެޔޮ ސިއްހަތާއި ފިޓްނަސް ކުރިއަަރުވާ ފަރާތަތަކުގެ އަގު ވަޒަން ކުރަންޖެހޭ ވަގުތެއް ކަމަށެވެ. އަދި ޔޫތު މިނިސްޓްރީގެ ނިންމުމަކީ ރާއްޖޭގައި މިފަދަ ޓައިޓަލްއެއް ހައްގުވާ ފަރާތަކަށް ދެވޭ ބޮޑު ބޭއިންސާފެއް ކަމަށެވެ. އަދި މި ހަބަރަކީ ރާއްޖޭގައި އުޅޭ ހުރިހާ ފިޓްނަސް އިންސްޓަރަކްޓަރުންނަށް ލިބުނު ހިތްދަތިކަމެއް ކަމަށް އޭނާ ބުނެއެވެ.

މިއަދު ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ސުނިލް ޝެޓީއަކީ ހަމައެކަނި އިންޑިއާގެ ފިލްމް އިންޑަސްޓްރީގެ ތަރިއެއް ނޫން ކަމަށާއި އޭނާއަކީ "ހެލްތް އެންޑް ފިޓްނަސް" ގައިވެސް ވިދަމުން އަންނަ ތަރިއެއް ކަމަށެވެ. އަދި މިހާރު ސުނިލް ޝެޓީއަކީ ރާއްޖޭގެ "އެމްބެސެޑާ އޮފް ވެލްނަސް" ޕްރޮމޯޓް ކުރާނެ އައިކަން ގޮތުގައި ހަމަޖައްސާފައިވާ ފަރާތް ކަމަށްވެސް މަހްލޫފު ވިދާޅުވިއެވެ.