ޖަލްސާތަކުގައާއި، އެކިއެކި ފޯރަމްތަކުގައާއި، މީސްމީޑިޔާގެ އެކިއެކި ވަސީލަތްތަކުގައި އަނިޔާވެރިކަމަށް ގޮވާލައި، ރައްޔިތުންގެ މެދުގައި ނަފްރަތާއި ފަސާދަ އުފައްދަން ވަކާލާތު ކުރުމަކީ ބަލައިގަންނާނެ ކަންކަމެއް ނޫން ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީފީން ބުނީ، ހައްދުފަހަނައަޅާފައިވާ ހަރުކަށި އަމަލުތަކަކީ އެޕާޓީ އަބަދުވެސް ކުށްވެރިކުރާ އަމަލުތަކެއް ކަމަށެވެ. އެގޮތުން، އެފަދަ ވިސްނުމުގެ މީހުން މުޖްތަމައުގައި ބިރުވެރިކަން އުފެއްދުމަށް ހިންގާ އަމަލުތައް ތަހުގީގުކޮށް ގާނޫނުގައިވާ ގޮތުގެ މަތިން އެފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް، އެމްޑީޕީން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

އެމްޑީޕީން ބުނީ، ގާނޫނުއަސާސީން ލިބިފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުން ކުރަން ވާނީ އިސްލާމް ދީނުގެ އަސާސްތަކާ ފުށޫ ނާރާ ގޮތަށް ކަމަށެވެ. ހަމަ އެއާއެކު، އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުގެ މަސައްކަތް ހުއްޓުވައި އެފަދަ ތަންތަން އުވާލުމަށް އެޕާޓީން ތަރުހީބު ނުދޭނެކަމަށާއި ކޮންމެ މީހަކާމެދު ވެސް ގާނޫނުގައިވާ ގޮތުގެ މަތީން އަމަލު ކުރަން އެ ޕާޓީން ގޮވާލާފައި ވެއެވެ.

މީގެ އިތުރުން އެމްޑީޕީން ބުނީ، ގާނޫނުގެ ބޭރުން އަދި ކަންކަން ހިންގުމަށް ކަނޑައަޅާފައިވާ އިޖުރާއަތްތަކުގެ ބޭރުން ކަންކަން ކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދިނުމަށާއި، ގާނޫނާ ހިލާފަށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރާ ފަރާތްތަކާއި އަނިޔާވެރިކަމަށް ހިތްވަރުދީ އެފަދަ ކަންކަމަށް ގޮވާލައި، ރައްޔިތުންނަށް ބިރުދައްކަމުންދާ ފަރާތްތަކާމެދުވެސް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. ނަފްރަތާއި ރުޅިވެރިކަން އުފައްދަން ވާހަކަ ދެއްކުމަކީ އެއްވެސް މުޖްތަމައެއްގައި ހުއްދަ ކަމެއް ނޫން ކަމަށާއި އެފަދަ ކަންކަމުން ގައުމަށް ލިބޭނެ ހަމަޖެހުމެއް އަދި ދީނަށް ލިބޭނެ ކުރިއެރުމެއް ނޯންނާނެ ކަަމަށްވެސް އެމްޑީޕީން ބުނެއެވެ. ހަމައެއާއެކު އެފަދަ ވާހަކަތައް ދެއްކުމަކީ، ގައުމުގައި ބައިބައިވުން އިތުރުވެ، ރާއްޖޭގެ އާންމު މަސްލަހަތަށާއި އަމަން އާންމަށް ނުހަނު ގެއްލުން ވެގެންދާ ކަމެއް ކަމަށް އެމްޑީޕީން ފާހަކުރެއެެވެ.

ހައްދުފަހަނައަޅާފައިވާ ހަރުކަށި ފަރާތްތަކުން ގޮވާލައި އެފަދަ ގޮވާލުންތަކުގެ ފައިދާ ސިޔާސީ ބައެއް ފަރާތްތަކުން ނަގައި، ދަނޑިވަޅުގެ ބޭނުންކޮށް ގައުމު ހަލަބޮލިކޮށް ރައްޔިތުންގެ މެދުގައި ނަފްރަތު އުފައްދަން މަސައްކަތް ކުރާކަން ފާހަގަކޮށް ހައްދުފަހަނައަޅާފައިވާ ހަރުކަށި ވިސްނުމުގެ މީހުން މުޖްތަމައުގައި ބިރުވެރިކަން އުފެއްދުމަށް ހިންގާ އަމަލުތައް ހިންގުން ހުއްޓުވަން ޖެހޭކަމަށް އެ ޕާޓީން ބުނެއެވެ.

"އަންނަނީ އަންނަނީ" މި ނަމުގައި ރޭ ކާނިވާ ސަރަހައްދުގައި ޕީޕީއެމް އަދި ޕީއެންސީން ބޭއްވި ރެލީއެއްގައި ވާހަކަދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނީ އެމްޑީއެންގެ ރިޕޯޓްގައި އިސްލާމްދީނާއި، މާތް ރަސޫލާއަށް ފުރައްސާރަ ކޮށްފައި ވާއިރު އެ މައްސަލައާ މެދު ސަރުކާރުން އެހާ "ވަޅޯ" ކޮށް އަމަލު ކުރުމުން ހައިރާންވެވަޑައިގެންނަވާ ކަމަށެވެ. މީގެ އިތުރުން އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި އެމްޑީޕީގެ ވެރިކަމެއް އުފެދޭ އިރަށް ދީނަށް ފުރައްސާރަ ކުރުމުގެ އަމަލުތައް ފެންނަމުންދާ ކަމަށާއި އެއީ އެ ޕާޓީގެ ތެރެއިން އާންމުކޮށް ފެންނަމުންދާ ކަމެއް ކަމަށެވެ.

އެމްޑީޕީގެ ބަޔާން ނެރެފައިވާ މި ދަނޑިވަޅަކީ، އެމްޑީއެންގެ ސަސްޕެންޑްކޮށް، އެޕާޓީން ނެރުނު ބަޔާނުގެ މައްސަލަ ފުލުހުން ބަލަމުން ދާކަމަށް ބުނެފައިވާ ދަނޑިވަޅެކެވެ. އަދި މިމައްސަލައިގައި ބައިނަލްއަގުވާމީ ބައެއް ޖަމްއިއްޔާތަކުގެ ޕްރެޝަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އޮތް ދަނޑިވަޅެއްވެސް މެއެވެ.