ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހު ކުރުން ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒު (ޝިއްޕެ) ވިދާޅުވެއްޖެއެވެ.
ރޭ ޕީޕީއެމް އަދި ޕީއެންސީން ބޭއްވި ރެލީގައި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅާއި އަދި ކުރީގެ ވަޒީރުން ދެއްކެވި ވާހަކަފުޅަށް ފާޑު ވިދާޅުވެ ޝިފާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރީގެ ސަރުކާރުގައި ތިއްބެވީ ވައްކަމާއި ހިޔާނާތަށް ޖާގަ ނުލިބެގެން އުޅުއްވި ބައެއް ކަމަށެވެ.
ކިތަންމެ ގޮތަކަށް އެ ޖާގަ ހޯދަން ބަޔަކު މަސައްކަތް ކުރިނަމަވެސް، މި ރާއްޖެ ދެން އަނބުރާ ފަހަތަށް ނުޖެއްސޭނެ ކަމަށް ޝިފާޒުގެ ޓްވީޓުގައި ވިދާޅުވިއެވެ. އަދި ވިދާޅުވީ "ޓްރާންސިޝަނަލް ޖަސްޓިސް"އަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސަރުކާރުގެ އަމާޒު ކަމަށެވެ.
ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވަނީ ރައްޔިތުންގެ މަޖިލީހާއި ސަރުކާރަކީ ސިޔާސީ މަސައްކަތް ކުރާ ތަނެއް ކަމަށާއި ނަމަވެސް ޝަރުއީ ނިޒާމަކީ މުޅިން ވަކި މަސައްކަތްތަކެއް ކުރާ ތަނެއް ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ޝަރުއީ ދާއިރާއަކީ މިއަދު މިނިވަން މުސްތަގިއްލު މުއައްސަސާއެއް ނޫން ކަމަށާއި ރާއްޖޭގައި މިއަދު މިނިވަން އެއްވެސް މުއައްސަސާއެއް ނެތް ކަމަށެވެ. ރޭގެ ރެލީގައި ރައީސް ޔާމީން ވަނީ ފަނޑިޔާރުންނާއި މެޖިސްޓްރޭޓުން ސަސްޕެންޑު ކުރަމުން ގެންދާ މައްސަލާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.