ޝަރީއަތް ނިންމާ، ވަކި ގޮތެއް ކަނޑައެޅެންދެން ވިކިލީކްސްގެ ބާނީ ޖޫލިއަން އަސާންޖު ޖަލު ބަންދުގައި ބެހެއްޓުމަށް ލަންޑަންގެ ކޯޓަކުން ނިންމައިފިއެވެ.

ވަކި ގޮތަކަށް ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި އޭނާ ބެހެއްޓުމަށް ނިންމާފައިވަނީ، ފާރަލުމުގެ ކުށުގެ ދައުވާ އެމެރިކާއިން ކުރަމުންދާ އަސާންޖު އެމެރިކާއަށް ފޮނުވާލުމާ މެދު ގޮތެއް ނިންމުމަށް ކުރިއަށް ދިޔަ ޝަރީއަތުގެ އަޑުއެހުމެއްގައެވެ.

އުމުރުން 48 އަހަރުގެ އަސާންޖާ ދެކޮޅަށް އެމެރިކާއިން 18 ދައުވާއެއް ކުރެއެވެ. އޭގެ ތެރޭގައި ސަރުކާރުގެ ކޮމްޕިއުޓަރުތަކެއް ހެކް ކުރުމާއި، ޖާސޫސުކޮށް ފާރަލުމުގެ ގާނޫނާ ހިލާފިވިކަމުގެ ކުށުގެ ދައުވާތަކެއް ހިމެނެއެވެ. އޭނާގެ މައްޗަށް ކުށްތައް ސާބިތުވެއްޖެނަމަ އެތައް އަހަރެއްގެ ޖަލު ހުކުމްތަކެއް އޭނާގެ މައްޗަށް އިއްވާނެއެވެ.

އިރުމަތީ ލަންޑަންގެ ބެލްމާޝް ޖަލުގައި ހުރި އަސާންޖު، ވެސްޓްމިންސްޓާ މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށް ދިޔަ ޝަރިޔަތުގެ އަޑުއެހުމަށް "ހާޒިރު" ކޮށްފައި ވަނީ ވިޑީއޯ ލިންކް މެދުވެރިކޮށެވެ. ޝަރީއަތުގެ އަޑުއެހުމުގައި އަސާންޖު ވާހަކަ ދައްކަފައިވަނީ އޭނާގެ ނަމާ އުމުރު ކަށަވަރުކޮށްދިނުމަށް އެކަންޏެވެ.

މި ޝަރީއަތުގެ އިތުރު އަޑުއެހުމެއް ދެން އޮންނާނި މިމަހުގެ ފަހުކޮޅު ކަމަށް މައުލޫމާތު ލިބެއެވެ.

އިކުއެޑޯގެ އެމްބަސީގައި ހިމާޔަތް ހޯދަމުންދާ ވިކިލީކްސް ބާނީ ޖޫލިއަން އަސާންޖު/ފޮޓޯ: ސްކައިނިއުސް

ބައިނަލްއަގުވާމީ ރާޑަރަށް އަސާންޖު އަރާފައިވަނީ، އެމެރިކާގެ އެތައް ސަތޭކަ ސިއްރު ލިޔެކިއުމެއް ވިކީލީކްސްގެ ނަމުގައި އިންޓަނެޓް ޕްލެޓްފޯމު މެދުވެރިކޮށް މުޅި ދުނިޔެއަށް އާންމު ކުރި ހިސާބުން 2010 ވަނަ އަހަރުގެ ތެރޭގައެވެ. މިކަން ވީ އެމެރިކާ އިންތިހާއަށް ރުޅިއަރުވާލި ކަމަކަށެވެ. އެމެރިކާއިން ބުނާ ގޮތުގައި އަސާންޖުގެ އަމަލުތަކުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ވަނީ ނުރައްކަލުގެ ތުންފަތް މައްޗަށް ވެއްޓިފައެވެ.

ސްވީޑަންއިންވެސް އޭނާ ހޯދަމުން ދަނިކޮށް، އޮސްޓްރޭލިއާއަށް އުފަން އަސާންޖު، އިނގިރޭސިވިލާތުގެ ލަންޑަންގައި ހުންނަ އިކުއެޑޯ އެމްބަސީއިން ހިމާޔަތް ހޯދީ 2012 ވަނަ އަހަރުގެ ތެރޭގައެވެ. އެއީ ސްވީޑަންއާއި އޭނާއާއި ދެކޮޅަށް ކުރަމުންދިޔަ ޖިންސީ-ޖިނާއީ ދައުވާތަކަކަށް އިންކާރުކޮށް، އެ ދައުވާތަކަށް ފިލުމުގެ މަގުސަދުގައެވެ. އަސާންޖު އޭރު ބުނަމުންދިޔައީ ސްވީޑަންއަށް އޭނާ ފޮނުވާލުމުގެ އާހިރު ނަތީޖާއަކަށްވާނީ، އެމެރިކާއާއި އޭނާ ހަވާލުކުރުން ކަމަށާ، އެހާ ހިސާބުން އޭނާއަށް އޮތް ނުރައްކާ އިންތިހާއަށް ބޮޑުވީ ކަމަށެވެ.

ވިކީލީކްސްގެ ބާނީ ޖޫލިއަން އަސާންޖު/ފޮޓޯ: ރޮއިޓާޒް

އިކުއެޑޯ އެމްބަސީގައި 7 އަހަރު ހޭދަކުރުމަށްފަހު އެމްބަސީ ތެރެއިން ދަމާފައި ކަހަލަ ގޮތަކަށް އަސާންޖު ނެރެ ބޭރުކޮށްގެން އިނގިރޭސިވިލާތުގެ ކަމާބެހޭ ފަރާތްތަކުން އޭނާ ގެންދިޔައީ އޭޕްރިލް މަހުގެ ތެރޭގައެވެ. އަދި ކަފާލާތު ހުރަސްކުރުމާއެކު 50 ހަފުތާގެ ޖަލު ހުކުމެއް އަސާންޖުގެ މައްޗަށް އިއްވުނެވެ. އަސާންޖުގެ މައްޗަށް ދައުވާ ކުރަމުންދާ ފަރާތްތަކާ އޭނާ ހަވާލުކުރުމާ މެދު ގޮތެއް ނިންމުމަށް ކުރިއަށްދާ ޝަރީއަތް ވަކި ގޮތަކަށް ނިންމަންދެކަށް އޭނާ ހުންނާނީ ޖަލު ބަންދުގައެވެ. މިމައްސަލައިގެ އިތުރު އަޑުއެހުމެއް މިމަހުގެ 21 ވަނަ ދުވަހު އޮންނައިރު، އެ އަޑުއެހުމަށް ސީދާ އަސާންޖު ހާޒިރު ކުރެވޭނެ ކަމަށް ޚަބަރު ލިބެއެވެ. މައުލޫމާތު ލިބޭ ގޮތުގައި، ދައުވާ ކުރާ ފަރާތާ އަސާންޖު ހަވާލު ކުރުމުގެ ގޮތް ނިންމާ ޝަރީއަތުގެ ރަސްމީ އަޑުއެހުންތައް ފަށާނީ 2020 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 25 ވަނަ ދުވަހުއެވެ.