ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް އެންމެ ގިނަ ވަގުތަށް ދެމިގެންދިޔަ ޕްރެސް ކޮންފަރެންސްގެ ރެކޯޑް، ޔޫކްރައިންގެ އާ ރައީސް ވްލޯޑޮމީރު ޒެލެންސްކީ ހޯއްދަވައިފިއެވެ.

ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ކޮމީޑިއަންއެއްގެ ގޮތުގައި މަސައްކަތްކުރެއްވި ޒެލެންސްކީ، ޔޫކްރައިންގެ ވެރިކަމާ ހަވާލުވެވަޑައިގަތީ އާދަޔާ ހިލާފު ސިޔާސީ މަސްރަހެއް އެ ގައުމުން ފެނިގެންދާނެ ކަމަށް ވައުދުވެވަޑައިގަންނަވަމުންނެވެ.

މިއަހަރުގެ މެއި މަހުގެ ތެރޭގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ފުޅާދާއިރާއެއްގައި މީޑިއާއަށް މައުލޫމާތު ދެއްވުމަށް ޒެލެންސްކީ ބުރާސްފަތި ދުވަހު ކުރިއަށް ގެންދެވި ނޫސްވެރިންގެ ބައްދަލުވުން 12 ގަޑިއިރަށް ދެމިގެންދިޔައެވެ.

ޔޫކްރައިންގެ އާ ރައީސް ވްލޯޑޮމީރު ޒެލެންސްކީގެ ތަރީހީ ޕްރެސް ކޮންފަރަންސްގެ ތެރެއިން/ފޮޓޯ: 112 އިންޓަނޭޝަނަލް

މިއީ ދުނިޔޭގެ ރެކޯޑްތަކުގެ ތާރީހަށް ބަލާއިރު، އެންމެ ދިގު ޕްރެސް ކޮންފަރަންސްކަން، ޔޫކްރައިންގެ ނޭޝަނަލް ރެކޯޑްސް އޭޖެންސީއިން އިއުލާންކުރީ، ބައްދަލުވުން ފެށުނުތާ 8 ވަނައަށްވީ ގަޑިއިރުގެ ތެރޭގައެވެ. މީގެ ކުރިން މި ރެކޯޑް އޮންނަނީ ބެލަރޫސްގެ އެލެކްޒޭންޑާ ލުކާޝޭންކޯގެ އަތުގައެވެ. އޭނާގެ ޕްރެސް ކޮންފަރެންސް 7 ގަޑިއިރަށް ދެމިގެންދިޔައެވެ.

އެންމެ ޒަމާނީ ފުޑް ކޯޓެއްގައި ޒެލެންސްކީ ހެއްދެވި މި ރެކޯޑް، ދުނިޔޭގެ ރެކޯޑް ފޮތަށް އެރިކަމެއް ނުވަތަ ނޫންކަމެއް އަދި ކަށަވަރެއް ނުވެއެވެ.

ޒެލެންސްކީގެ މި ޕްރެސް ކޮންފަރަންސްގައި މައިގަނޑު ގޮތެއްގައި ވާހަކަފުޅު ދެއްކެވީ، ރަޝީޔާއާއި ޔޫކްރައިންގެ ގުޅުމާ، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ކުރެއްވި ފޯނުކޯލުގެ ވާހަކަތަކުގެ މައްޗަށެވެ. މި ފޯނުކޯލަކީ، އެމެރިކާގެ ރައީސް ކަމުގެ މަގާމުން ޓްރަމްޕް އަޒުލުކުރެއްވުމަށް އިދިކޮޅު ޑިމޮކްރަޓުން މަސައްކަތް ފެއްޓެވި ތާރީހީ ފޯނުކޯލެވެ.