މުޅި އެމެރިކާއަށް ބަލާއިރު ނަފްސާނީ ގޮތުން އެންމެ ބަލި އަދި ސިކުނޑި ހަމަނުޖެހޭ މީހަކީ އެގައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ކަމަށް މަޝްހޫރު ލަވަކިއުންތެރިޔާ އަދި ޒުވާން ވިޔަފާރިވެރިޔާ ރިއާނާ ފެންޓީ ބުނެފިއެވެ.

އޭނާގެ އަމިއްލަ ވިޝުއަލް އޮޓޯބައިގްރަފީއެއް ނެރުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ރިއާނާ މިފަދަ މޭރުމަކުން ޓްރަމްޕަށް ފާޑުކިޔާފައި މިވަނީ، އެމެރިކާގެ 2 ސަރަހައްދެއްގައި ދާދިފަހުން ބަޑީގެ ހަމަލާތަކެއްދީ، ގިނަ ބައެއްގެ ފުރާނަ ގެއްލިދިޔަ ހާދިސާތަކުގައި ޓްރަމްޕް އަމަލުކުރެއްވި ގޮތަށް ފާޑުކިޔަމުންނެވެ.

ހަނގުރާމަތަކުގައި ބޭނުންކުރާ ހަތިޔާރު ބޭނުންކޮށްގެން ބައެއްގެ ފުރާނަ ދުއްވާލުމަކީ އާދައިގެ ކަމެއް ނޫންކަމަށާ، އެކަމާ މެދު އެގޮތަށް ދެކެވިގެން ނުވާނެ ކަމަށް ބުނެ ވެރައިޓީ މެގަޒިންނާއި ވާހަކަދައްކަމުން ރިއާނާ އިތުރަށް ބުނީ، ވަކި މީހެއްގެ ހަމުގެ ކުލަޔަކުން އެއީ ވަކި ކަހަލަ ކަމެއް ކަމުގައި ކަނޑައެޅިގެން ނުވާނެ ކަމަށެވެ. މިފަދަ ނިންމުންތަކަކީ ނަސްލީ ތަފާތުކުރުމެއް ކަމަށް ސިފަކޮށް ވާހަކަ ދައްކަމުން ރިއާނާ ބުނީ، ހަމަ އެހަތިޔާރު އަރަތްބެއްގެ އަތަށް ދީގެން އެ އަމަލު ހިންގި ނަމަ، އެމީހަކީ ނަފްސާނީ ބަލި މީހެއް ކަމަށް ޓްރަމްޕް ވިދާޅުވާން ނުއިންނަވާނެކަމަށެވެ.

އޭނާގެ ބުއްދި ގަބޫލުނުކުރާ އުސޫލުތަކެއް ގެންގުޅޭ އެއްވެސް ބަޔަކަށް އޭނާ ގަނެ ނުލެވޭނެ ކަމަށްވެސް ރިއާނާ ވަނީ ބުނެފައެވެ.

އޭނާގެ ދިރިއުޅުމުގެ ވާހަކަތައް ތަސްވީރުތަކަކުން ކިޔައިދޭ 504 ސޮފުހާގެ އޮޓޯބައޮގްރަފީ ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ.