އިސްލާމްދީނަށް ފުރައްސާރަ ކުރާ ނަމަ މި ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) މިއަދު ޔޫތް މިނިސްޓްރީން ސަސްޕެންޑްކޮށްފައި ވަނިކޮށް މިނިސްޓަރު އިމްރާން ވަނީ ޓްވީޓް މެދުވެރިކޮށް އިސްލާމް ދީނަށް ފުރައްސާރަކުރާ ފަރާތްތަކާ މެދު މި ސަރުކާރުން ފިޔަވަޅު އަޅުއްވާނެކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ. އިމްރާން ވިދާޅުވީ، މާތްވެގެންވާ އިސްލާމް ދީނަށް ފުރައްސާރަކޮށް މަލާމާތްކުރުމަކީ ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމުގެ ތެރެއިން ތަހުގީގުކޮށް ފިޔަވަޅު އެޅޭނެ މައްސަލައެއް ކަމަށެވެ. އަދި އެކަން މި ސަރުކާރުން ކުރާނެ ކަމަށެވެ.
އެމްޑީއެން އިން ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އޮފް މޯލްޑިވްސް" ރިޕޯޓުގައި އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ބަދުބަސް ބުނެފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އަންނަނީ ފާޅުގައި އެ ޖަމިއްޔާ އުވާލަން ގޮވާލައި، އެ ޖަމިއްޔާގެ ވެރިންނާއި ދެކޮޅަށް އަޑު އުފުލާފައި ވެއެވެ. މި މައްސަލަ ކުއްލި މައްސަލައެއް ގޮތުގައި މަޖިލީހަށް ހުށަހެޅި މަޖިލީހުގެ ގިނަ މެންބަރުންވެސް ވަނީ އެމްޑީއެން އުވާލުމަށް ގޮވާލާފައެވެ. މީގެ އިތުރުން މި ރިޕޯޓުގެ މަސައްކަތުގައި ޝާމިލްވާ ފަރާތްތަކަށް ވެސް ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފައެވެ.
ސޯޝަލް މީޑިއާގައި މި ބަހުސް ހޫނުވެފައި ވަނިކޮށް މިއަދު މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެން ކޮމިއުނިޓީ އެންޕަވާމަންޓް ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އަދި މިއަދުން ފެށިގެން އެ ޖަމިއްޔާގެ ހަރަކާތްތައް ހުއްޓާލުމަށް އެމިނިސްޓްރީން ނެރުނު ބަޔާނުގައި އަންގާފައި ވެއެވެ. ޔޫތު މިނިސްޓްރީން އެމްޑީއެން ސަސްޕެންޑް ކޮށްފައި ވާއިރު އެމްޑީއެން އާ މެދު ފިޔަވަޅު އަޅަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.
އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާ ކަމަށް ތުހުމަތުކޮށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށަހަޅާފައިވާ އެމްޑީއެންގެ މައްސަލަ އެ ސާވިސް އިން ތަހުގީގު ކުރަމުންނެވެ.
އިސްލާމް ދީނަށް ފުރައްސާރަ ކޮށްފި. ފުރައްސާރަ ކުރި ބައިގަނޑު އެއުޅެނީ ހިތުހުރި ގޮތަކަށް. ކޮންއިރަކު ފިޔަވަޅު އެޅެނީ؟ ފިޔަވަޅު އަޅާނަމޯ!