އިއްޔެ ހަވީރު ކަނޑު މަތީގައި ހިނގި ނުރައްކާތެރި އެކްސިޑެއްޓެއްގައި ފައި ބުރިވި އިނގުރައިދޫ ޒުވާނާ މާލެގެނެސް އޭޑީކޭގައި ފަރުވާދޭން ފަށާއިފިއެވެ.

އެމްއެންޑީއެފުން ބުނީ، ޑިންގީއެއްގެ ބުރަފަތީގައި ޖެހި ފަޔަށް ލިބުނު ޒަހަމްތަކާ އެކު ބ. ކަމަދޫ ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދިޔަ ޒުނާވާ ސިއްހީ ފަރުވާއަށް އެމްއެންޑީއެފް ނޮދަން އޭރިއާގެ އެހީތެރިކަމާއެކު ރޭ މާލެ ގެނެސްފައިވާ ކަމަށެވެ. މޭލެ ގެނެސް ފުރަތަމަ އެމީހާއަށް ފަރުވާ ދިނުމަށް ގެންގޮސްފައި ވަނީ އައިޖީއެމްއެޗަށް ކަމަށް ވިޔަސް ފަހުން އާއިލާއިން އެދިގެން އޭނާ ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލު ކޮށްފައި ކަމަށް އައިޖީއެމްއެޗުން މައުލޫމާތު ދެއެވެ.

މިކަމާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުގެ ބަހެއް އަދި ނުލިބެއެވެ.

ފައި ބުރިވި ޒުވާނާ އިތުރު ފަރުވާއަށް މާލެ ގެނައުން / ފޮޓޯ: އެމްއެންޑީއެފް

އިނގުރައިދޫ ރައްޔިތެއް "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ، ފުރަތަމަ އޭނާއަށް ފަރުވާ ދެމުން ދިޔައީ އިނގުރައިދޫ ސިއްހީ މަރުކަޒުން ކަމަށެވެ. އެއަށް ފަހު އޭނާ ބަދަލު ކުރީ އުނގޫފާރު ހޮސްޕިޓަލަށެވެ. އަދި އުނގޫފާރުން އޭނާ މާލެ ފޮނުވާލުމަށް އަތޮޅު ކައުންސިލުގެ ލޯންޗުން ފުރުވާލަން އުޅުނު ނަމަވެސް އިންޖީނަށް ދިމާވި މައްސަލައަކާ ހުރެ އެ ލޯންޗު ބ. ކަމަދޫއަށް ވަންނަން ޖެހުނީ ކަމަށްވެސް އެފަރާތުން މައުލޫމާތު ދެއެވެ.

ރ. ނެލު ނަމަކަށް ކިޔާ ފަޅުރަށެއްގެ ކައިރީގައި ފީނަން ގޮސް އުޅުނު އެ މީހާގެ ފައިގާ ޑިންގީގެ ބުރަފަތިން ޖެހި ފައި ބުރި ވެފައިވަނީ އިއްޔެ ހަވީރު 4:00 ހާއިރު އެވެ. އުމުރުން 27 އަހަރުގެ އެ ޒުވާނާގެ އެއްފައި ބުރިވެފައި ވާއިރު ބުރަފަތިން ޖެހި އެހެނިހެން ޒަހަމްތައްވެސް ލިބިފައި ހުއްޓެވެ.