މޯލްޑިވިއަން ޑިމޮކްރެސީ ނެޓުވޯކް (އެމްޑީއެން) އިން 2016 ވަނަ އަހަރު ޝާއިރުކުރި "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓާ ގުޅިގެން މިހާރު ހޫނުވެގެންއުޅޭ ބަހުސަށް އެމްޑީއެންގެ ފަރާތުން އެދަވޭ ޖަވާބެއް ނުދެވިގެން އުޅެނިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ، އެމްޑީއެންގެ ދިފާއުގައި، ވާހަކަފުޅު ދައްކަވާފައެވެ.

އިސްކަންދަރު ސްކޫލުގައި، ޝެއިހު ހުސައިން ރަޝީދުގެ "ސަހީހު މުސްލިމްގެ ދިވެހި ތަރުޖަމާ އާއި ޝަރަހަ" ގެ ދިހަވަނަ ބައި ނެރެދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، އިނގިރޭސިބަހުން އެމްޑީއެންގެ ރިޕޯޓު ލިޔަން އުޅެނިކޮށް އެއޮތީ މިސްޓޭކެއް ހެދިފައި ކަމަށެވެ.

ނަޝީދު އެހެން ވިދާޅުވެފައި ވާއިރު އެ ރިޕޯޓުގައި ބޭނުން ކޮށްފައި ހުރި ބައެއް ބަސްބަހާއި ރިޕޯޓުގައި ހާދިސާތައް ގެނެސްދީ، އެހާދިސާތަކާ މެދު ސުވާލު އުފައްދާފައި ލިޔެފައި އޮތީ އެންމެ ފެންވަރު ރަނގަޅު އިނގިރޭސި ބަހުން ކަމަށް ބަހުގެ ބައެއް ބޭފުޅުން ވަނީ ވިދާޅުވެފައެވެ.

އެމްޑީއެން ރިޕޯޓުގެ މަގުސަދަކީ އިސްލާމް ދީނާމެދު ނަފްރަތު އުފައްދައި ދީން ބަލިކަށި ކުރުން ކަމުގައި ގަބޫލު ނުކުރައްވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެއެވެ. އަދި އެމްޑީއެންގެ ރިޕޯޓު ވިދާޅުވި ކަމަށާއި، ނަމަވެސް ދީނާ މެދު ނަފްރަތު އުފެއްދުމުގެ ނިޔަތެއް ރިޕޯޓު ކިޔާލުމުން ފެނިފައިނުވާ ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެ ރިޕޯޓުގައި ބޭނުން ކޮށްފައި ހުރި ބަސްތައް ގޯސް ކަމަށާއި، ނަމަވެސް އެއީ އިނގިރޭސިބަހުން އެއްޗެއް ލިޔަން އުޅެނިކޮށް ވެފައި ހުރި ގޮތެއް ކަމަށާއި މިފަދަ ބޮޑެތި ކަންކަމަށް އަހުލުވެރި ނުވެ، ބޮޑު ރިޕޯޓެއް ލިޔަން އުޅުމުގެ ސަބަބުން އެފަދަ ނަތީޖާއެއް ނުކުތުން އެކަށީގެންވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވިދާޅުވީ އެއީ އެއްވެސް ހާލެއްގައި އެއްވެސް މީހަކު އިސްލާމް ދީނަށް ނަފުރަތު ކުރުވުމަށް، ނުވަތަ ބަލިކަށި ކުރުމަށް އެދޭތީ ނޫންކަމާއި ރިޕޯޓު ލިޔުނު މީހުންވެސް އެއްވެސް ހާލެއްގައި އެބަސްތައް ބޭނުންކޮށްފައި އެވަނީ އެ މާނާގައި ނޫން ކަމަށާއި ރިޕޯޓު ކިޔައިގެން އެފަދަ އެއްވެސް ބަހެއް ފެނިފައި ނުވާ ކަމަށާއި ރާއްޖޭގެ މާހައުލާއި، ރާއްޖޭގެ އެކިއެކި އިލްމުވެރިން ނެރޭ ފޮތްތަކާ އަދި ދުނިޔޭގެ އެހެން ތަންތަނުގައި ވެސް އިސްލާމްދީނާ ގުޅޭގޮތުން ނެރޭ ފޮތްތަކާ މިބާވަތުގެ ކަންކަމަށް އަހުލުވެރި ނުވެ، މިބާވަތުގެ ބޮޑު މައްސަލައަކާ ގުޅިގެން ލިޔަން އުޅުނީމައި އެފަދަ ނަތީޖާއެއް ނުކުތުން އެކަށީގެން ވާކަމަށް ވެސް ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ މިހާރު ފުލުހުން ވެސް ސީރިއަސް މައްސަލައެއްގެ ގޮތުގައި ދަނީ ތަހުގީގު ކުރަމުންނެވެ. އަދި އެ ރިޕޯޓާ ގުޅިގެން ދީނަށް ފުރައްސާރަކުރުމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވައްދާ މަޖިލީހުގެ ބައެއް މެންބަރުން ވަނީ އެ ޖަމިއްޔާ އުވާލަން ގޮވާލާފައެވެ.

މީގެ އިތުރުން ރާއްޖޭގެ ދީނީ އިމްލުވެރިން ވަނީ އެމްޑީއެން މިހާރުން މިހާރަށް އުވާލުމަށް ގޮވާލައްވާފައެވެ.