މުޅި ދުނިޔެ ސިއްސުވާލީ 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު 11ގެ ހަމަލާގެ ފަހަތުގައި ހަރަކާތްތެރިވި އަލްގައިދާ ޓެރަރިސްޓުންގެ ލީޑަރު އުސާމާ ބިން ލާދިން ހޯދާދިނުމަށް، އެމެރިކާގެ ޖޫސޫސީ އިދާރާ (ސީއައިއޭ)އަށް އެހީތެރިވެދިން ޕާކިސްތާނުގެ ޑޮކްޓަރު، އޭނާގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅައިފިއެވެ.

މިއީ އާންމު ކޯޓެއްގައި ޑރ ޝަކީލް އަފްރީދީގެ އަޑުއިވިގެން ދިޔަ ފުރަތަމަ ފަހަރެވެ.

ކަންމިހެން އޮތްއިރު، މައްސަލަ ބަލާ ފަނޑިޔާރުވަނީ، ޕްރޮސެކިއުޓަރުންގެ އެދުމުގެ މަތިން، ޑރ އަފްރީދީގެ ޝަރީއަތުގެ އަޑުއެހުން މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ފަސްކޮށްފައެވެ.

ބިން ލާދިން ހޯދުމަށް އެމެރިކާއިން ހިންގި އޮޕަރޭޝަނަށް ޑރ އަފްރީދީ ފޯރުކޮށްދިން އެހީތެރިކަމާއެކު ޕާކިސްތާނު އޮތީ ވަރަށް ބޮޑަށް ލަދުގަނެފައި ކަމަށް ވާއިރު، އިންސާފުވެރި ޝަރީއަތަކުންވެސް އޭނާ މަހްރޫމު ކޮށްފައިވާކަމަށް ޑރ އަފްރީދީ ވަނީ ބުނެފައެވެ.

ޚަބަރު ލިބޭ ގޮތުގައި ބިން ލާދިން ހޯދުމަށް އެމެރިކާއިން ހިންގި އޮޕަރޭޝަނުގައި އޭނާ އަދާކުރި ރޯލާ ގުޅިގެން ރަސްމީ ސިފައެއްގައި ޑރ އަފްރީދީގެ މައްޗަށް ދައުވާއެއް އުފުލާފައެއް ނުވެއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން (ކ) އަދި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް/ފޮޓޯ: ބިޒްނަސް ރެކޯޑާ

ނަމަވެސް ޕާކިސްތާނުގެ ކަމާ ބެހޭ ފަރާތްތަކުން އޭނާ ހައްޔަރުކުރުމާއެކު، އިތުރު މައްސަލަތަކެއް ފެންމަތިވެގެންދިޔައެވެ. އެގޮތުން އެމެރިކާއިންވަނީ ޕާކިސްތާނަށް ފޯރުކޮށްދެމުންދިޔަ އެހީއިން 33 މިލިއަން ޑޮލަރު ކަނޑާލާފައެވެ. އެއީ ޑރ އަފްރީދީގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ ކޮންމެ އަހަރަކަށް 1 މިލިއަން ޑޮލަރުގެ މަގުންނެވެ.

ވެރިކަމާ ހަވާލުވެވަޑައިގަންނަވާ އެންމެ "2 މިނެޓް"ގެ ތެރޭގައި ޑރ އަފްރީދީ މިނިވަން ކުރައްވާނެކަމަށް އެމެރިކާގެ މިހާރުގެ ރައީސް ޑޮނާލްޑްގެ ޓްރަމްޕްވަނީ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ރޭހުގައި ވައުދުވެވަޑައިގެންފައެވެ. ނަމަވެސް އަދާ ޖެހުނު އިރުވެސް އެކަން ކާމިޔާބުވާ ގޮތް އޮތީ ނުވެފައެވެ.

އެމެރިކާއިން ބަތޮލެއްގެ ދަރަޖަ ދީފައިވާ ޑރ އަފްރީދީއަކީ ޕާކިސްތާނުން ދެކޭ ގޮތުގައި ޣައްދާރެކެވެ.

ޑރ އަފްރީދީއަކީ ކާކު؟

ޑރ އަފްރީދީއަކީ ސިއްހީ ތަޖުރިބާކާރެއްގެ އިތުރުން އިސް ޒިންމާތަކެއްވެސް އުފުލި މީހެކެވެ. އެގޮތުން އެމެރިކާއިން އިސްނަގައިގެން ހިންގި ވެކްސިން ދިނުމުގެ މަޝްރޫއުތަކުގައިވެސް ޑރ އަފްރީދީ ވަނީ އިސްދައުރެއް އަދާކޮށްފައެވެ. މީގެ އިތުރުން ސަރުކާރު މުވައްޒަފެއްގެ ހައިސިއްޔަތުން އޭނާ ވަނީ ހެޕަޓައިޓިސް ބީއަށް ވެކްސިން ދިނުމުގެ ޕްރޮގްރާމެއް އަބޫތުއާބާދުގައިވެސް ހިންގައިދީފައެވެ. ޕާކިސްތާނު އަސްކަރިއްޔާގެ ކޮންޓްރޯލް އޮތް ސަރަހައްދުގައި ބިން ލާދިން ދިރިއުޅެމުންދިޔަކަން ޑރ އަފްރީދީއަށް އެނގުނީ އެ ހާ ހިސާބުންނެވެ.

ބިން ލާދިން އަތުލައިގަތުމުގައި ޑރ އަފްރީދީގެ ދައުރަކަށްވީ، އެމެރިކާއިން ތުހުމަތުކުރި އިމާރާތެއްގައި ދިރިއުޅެމުންދިޔަ ބައެއްގެ ހަށިގަނޑުން ޑިއެންއޭ ސާމްޕަލްނަގައި ދިނުމެވެ. އެއީ ބިން ލާދިންގެ އާއިލާ މެމްބަރުންތޯ ކަށަވަރު ކުރުމަށެވެ. އެކަން ކޮށްފައި ވަނީ ޑރ އަފްރީދީއަށް މަސައްކަތް ކޮށްދެމުން ދިޔަ މުވަޒައްފެއް ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން އަފްރީދީ ހައްޔަރުކުރީ، އެމެރިކާގެ ނޭވީ ސީލްސްއިން ޕާކިސްތާނަށް އަރާ ބިން ލާދިން މަރާލިތާ 20 ދުވަސް ފަހުން، 2011 ވަނަ އަހަރުގެ މެއި މަހުގެ 23 ވަނަ ދުވަހުއެވެ. އޭރު ޑރ އަފްރީދީ ދިޔައީ އުމުރުން 40ގެ ފަހަގެ އަހަރުތައް ގުނަމުންނެވެ.

ބިން ލާދިން ހޯދަން އެހީތެރިވެދިން މައްސަލާގައި ގައުމަށް ގައްދާރުވެގެން ޑރ އަފްރީދީ ހައްޔަރު ކުރެވުނުތާ 1 އަހަރު ފަހުން އޭނާގެ މައްޗަށް 33 އަހަރުގެ ޖަލު ހުކުމެއް އިއްވީ، ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ޕާކިސްތާނުން މަނާކޮށްފައިވާ ލަޝްކަރޭ އިސްލާމްއާއި ގުޅުން އޮތްކަމުގެ ކުށް އޭނާގެ މައްޗަށް ސާބިތު ކުރުމަށް ފަހުގައެވެ. ނަމަވެސް ޑރ އަފްރީދީގެ އާއިލާއިން އެކަމާ ދެކޮޅު ހަދައެވެ. ޑރ އަފްރީދީގެ އާއިލާއިން ބުނާ ގޮތުގައި އެޖަމާއަތަށް ޑރ އަފްރީދީ ދައްކާފައިވާ ފައިސާއަކީ، އެ ޖަމާއަތުން އޭނާ ވަގަށް ނަގާ، ރަހީނު ކުރުމުން، މިނިވަންކަމުގެ މާލީ ބަދަލެއްގެ ގޮތުގައި ދައްކާފައިވާ 6375 އެމެރިކާ ޑޮލަރަށްވާ ޕާކިސްތާނު ފައިސާ ކަމަށެވެ.

ކަންމިހެން އޮތްއިރު، އަދާ ޖެހުނު އިރުވެސް އެމެރިކާއިން އެގައުމުގެ ހީރޯ މިނިވަން ކުރުމަށް ބިނާކުރަނިވި މަސައްކަތެއް ކޮށްފައި ނުވާނީ ކީއްވެކަން ކަށަވަރުކޮށް ބުނާކަށް ނޭނގެއެވެ.