ޕާކިސްތާނުގެ ކަރާޗީގައި ހަލުވިކަމާއެކު، ނުރައްކާތެރި ޑެންގޫ ހުން ފެތުރެމުންދާކަމަށް ޚަބަރު ލިބިއްޖެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އޮކްޓޯބަރު މަހުގެ ފުރަތަމަ 8 ދުވަހު އެކަނިވެސް ޑެންގޫ ހުން ޖެހިގެން ކަރާޗީއިން ވަނީ 1100 އަށްވުރެ ގިނަ ކޭސް ރެކޯޑްކޮށްފައެވެ.

ގަދަހުން ޖެހިގެން ގިނަ ބަޔަކު ފަރުވާ ހޯދުމަށް ހޮސްޕިޓަލުތަކަށް ދާއިރު، އެއިގެ ތެރެއިން ގިނަ ބަޔަކު ޑެންގޫއަށް ޕޮޒިޓިވްވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޕާކިސްތާނުގެ ސިންދް ޕްރޮވިންސްގެ ޑެންގޫ ކޮންޓްރޯލް ޕްރޮގްރާމްގެ ޑރ ޢަބްދުލް ބާސިތު ވިދާޅުވީ، ޑެންގޫ ހުން ޖައްސާ އީޑީޒް މަދިރީގެ އުނދަގޫ އެންމެ ނުރައްކާވެފައިވާ ސަރަހައްދުތަކަށް ފޮގް ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ.

ކަންމިހެން އޮތްއިރު ޕާކިސްތާނުގެ މެޑިކަލް އެސޯސިއޭޝަނުންވަނީ ގައުމީ ފެންވަރެއްގައި މި ހަރަކާތް ހިންގުމަށް ޕާކިސްތާނުގެ ސަރުކާރަށް ގޮވާލާފައެވެ.

މި ފަހަކަށް އައިސް ނުރައްކާތެރި ބަލުތަކެއް ޕާކިސްތާނުގައި ހަލުވިކަމާއެކު ފެތުރިގެންދާ މިންވަރު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން އަދިވެސް ފަރުވާއެއް މުޅިން ހޯދިފައި ނުވާ އެއިޑްސް ބައްޔާ، ޕޯލިއޯ ބަލި ޖެހިގެން ޕާކިސްތާނުން ރިޕޯޓްކުރާ މިންވަރު އިތުރުވެގެންދިޔަ މަންޒަރުވެސްވަނީ ދާދިފަހުން ފެނިފައެވެ.