ބްރޯޑްކާސްޓް ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު އިސްތިއުފާ ދެއްވައިފި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް ޝަހީބު މަގާމުން އިސްތިއުފާދީފައިވާއިރު ޝަހީބާއި، އެ ކޮމިޝަނުގެ ނައިބު ރައީސް ފާތިމަތު ޒައިނާ އެ ކޮމިޝަނުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީ އިން ނިންމާ އެ މައްސަލައިގައި ވޯޓަށް އަހަން ވަނީ މަޖިލީހަށް ފޮނުވާފައެވެ.

މިނިވަން މުއައްސަސާ ތަކާ ބެހޭ ކޮމެޓީއިން މިގޮތަށް ނިންމާފައި ވަނީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު ބޭއްވި އެ ކޮމެޓީގެ 10 ވަނަ ބައްދަލު ވުމުގައެވެ. ޝަހީބާއި ޒައިނާ މަގާމުން ވަކި ކުރުމަށް ނިންމާފައި ވަނީ ކޮމެޓީއަށް ހާޒިރުކޮށް ސުވާލު ކުރުމަށް ފަހުއެވެ. އެ ކޮމެޓީ ބައްދަލުވުންތައް ކުރިޔަށް ގެންގޮސްފައި ވަނީ ސިއްރު ބައްދަލުވުން ތަކެއްގެ ގޮތުގައެވެ.

ޝަހީބާއި ޒައިނާ މަގާމުން ވަކިކުރުމަށް ނިންމާފައި ވަނީ ކުރީގެ ސަރުކާރުގެ ނުފޫޒު އޮތްކަމަށް ތުހުމަތުކޮށެވެ. އަދި އިންސާފުގެ ބޭރުން ބައެއް ޗެނަލްތައް ޖޫރިމަނާ ކުރުމުގެ ތުހުމަތުވެސް އެފަރާތްތަކުގެ މައްޗަށް ވަނީ ކޮށްފައެވެ. މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މީގެ ކުރީގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުން ކަންކަން ކޮށްފައި ވަނީ އިންސާފުން ނޫން ކަމަށް އެފަރާތުން އިއުތިރާޒު ވެފައި ވެއެވެ.