6 ބިލެއްގެ މަސައްކަތް އަންނަ ހަފްތާއަށް ނިންމުމަށް، ކޮމިޓީތަކަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަންގަވައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު، މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގެ މުގައްރިރާއި، ޖުޑިޝަރީ ކޮމިޓީގެ މުގައްރިރަށް ފޮނުއްވި ސިޓީއެއްގައި، 6 ބިލެއްގެ މަސައްކަތް އެޓާނީ ޖެނެރަލްގެ އޮފީހާއި، ކަމާ ގުޅުން ހުރި ދައުލަތުގެ މުއައްސަސާތަކާއި، ސަރުކާރުގެ ވުޒާރާތަކައި މަޖިލީހުގެ ކަމާ ގުޅުން ހުރި ކޮމިޓީތަކާއި ގުޅިގެން އަދި ސަބް ކޮމިޓީތަކަށް މަސައްކަތް ހަވާލު ކޮށްގެން ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ނިންމުމަށް އެދި ވަޑައިގެންފައި ވެއެވެ.

އެގޮތުން، މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު، މާފަންނު އުތުރު ދާއިރާގެ މެންބަރަށް ފޮނުއްވި ސިޓީގައި، ރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު އަދި މަދަނީ އިޖުރާއަތުގެ ބިލުގެ މަސައްކަތް އަވަސްކޮށް ދެއްވުމަށް އެދިވަޑައިގެންފައި ވެއެވެ.

އަމީން އާންމު ސޮއި ކުރައްވާ، މަޖިލީހުގެ އިސްތިސޯދީ ކޮމިމޓީގެ މުގައްރިރު އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދަށް ފޮނުއްވި ސިޓީގައި އިންކަމް ޓެކްސް ނެގުމުގެ ބިލާއި، ޓުއަރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު އަދި 'ޖޮބް ސީކާޒް އެލަވެންސް ބިލް' ގެ މަސައްކަތް އަވަހަށް ނިންމަވައި ދެއްވުމަށް އެދިވަޑައިގެންފައި ވެއެވެ.