ސަރުކާރާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކުރިއަށް ގެންދާ ހޮންގްކޮންގްގައި ފުލުހުން ޕެޓްރޯލް ކުރުމުންދާ ސަރަހައްދުތައް ދެނެގަނެވޭނެ އެޕްލިކޭޝަނެއް، އެޕަލް ކަސްޓަމަރުންނަށް ތައާރަފުކޮށްފިއެވެ.

އެޕަލް ކުންފުނިން ބުނީ އެޗްކޭލައިވް މެޕަކީ، ސަލާމަތީ ބާރުތަކުން ކަރުނަ ގޭސް ބޭނުންކުރަމުންދާ ސަރަހައްދުތައްވެސް ދެނެގަނެވޭ ގޮތަށް ފަރުމާކޮށްފައިވާ އެޕެއް ކަމަށެވެ.

މި އެޕް ތައާރަފުކުރުމާ މެދު ހިޔާލު ތަފާތުވުންތަކެއް ކުރިން އުފެދުނީ، ޣައިރު ގާނޫނީ އަމަލުތަކަށް ހިތްވަރުދޭ ކަމަށް ބުނެއެވެ. ނަމަވެސް ގޫގްލް ޕްލޭއިން އޭރުވަނީ މިފަދަ އެހެން އެޕްލިކޭޝަނެއް ތައާރަފުކޮށް، ކަސްޓަމަރުންނަށް ދޫކުރަން ފަށާފައެވެ.

އެޕް ސްޓޯއިން ލިބެން އޮތް މި އެޕްލިކޭޝަން ފަރުމާކޮށްފައިވަނީ ކޮން ބައެއްކަން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މި އެޕްލިކޭޝަނާ ދެކޮޅަށް ގާނޫނީ އެއްވެސް ދައުވާއެއް އަދި އުފުލާފައެއް ނުވާކަން އެފަރާތުންވަނީ ފާހަގަކޮށްފައެވެ.