ޔޫނިއަން ސްޓޭޓްތަކަކަށް ބަދަލުކޮށްފައިވާ ޖައްމުއާއި ކަޝްމީރު އަބަދު އެގޮތުގައި ނުއޮންނާނެ ކަމަށާއި، ހާލަތު ތަންދިނުމުން ސްޓޭޓެއްގެ ދަރަޖައަށް ޖައްމުއާއި ކަޝްމީރު ބަދަލުކުރެވިގެންދާނެ ކަމަށް އިންޑިއާގެ ދާހިލީ ވަޒީރު އަމީތު ޝާހް ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ދާހިލީ ވުޒާރާއިން އަމީތާ ހަވާލާދެއްވާ އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ މަސްރަހު އާންމު ހާލަތަކަށް އައުމުން ޖައްމުއާއި ކަޝްމީރަށް ސްޓޭޓެއްގެ ދަރަޖަ އަލުން ދެވޭނެ ކަމަށެވެ.

ކަޝްމީރުގެ ސަގާފަތާ އައިޑެންޓިޓީ ހިމާޔަތްކޮށްދިން ހަމައެކަނި ބަހާއަކީ، އިންޑިއާގެ ގާނޫނު އަސާސީގައި އޮތް މާއްދަ 370ކަމުގައި ދުށުމީ އަދި މުޅިން ރަނގަޅު ގޮތެއް ނޫންކަމަށްވެސް އަމީތު ވަނީ ވިދާޅުވެފައެވެ. މާއްދަ 370 އަކީ ސަރަހައްދީ އިން ހުރަސްކޮށް ޓެރަރިޒަމް ހިންގުމުގެ ހުއްޖަތަކަށް ވެފައިވާކަމަށް ސިފަކުރައްވާ އަމީތު އިތުރަށް ވިދާޅުވީ، އިންޑިއާގެ ހުރިހާ ސަރަހައްދެއްގެ އައިޑެންޓިޓިއަކީ އެ ގައުމުގެ ގާނޫނު އަސާސީއިން ހިމާޔަތްކުރެވިފައިވާ ކަންތައްތަކެއް ކަމަށެވެ.

އިންޑިއާއަކީ 5 ޓްރިލިއަން ޑޮލަރުގެ އިގުތިސޯދަކަށް ހެއްދެވުމަށް ބޮޑުވަޒީރު ނަރޭންދްރާ މޯދީ ކަނޑައަޅުއްވާފައިވާ އަމާޒަށް ވާސިލުވުމަށްޓަކައި ގާނޫނާ ގަވައިދުތައް ތަންފީޒުކޮށް އެގޮތުގައި ހިފަހައްޓާލުމަކީ މުހިންމު ކަމެއް ކަމުގައިވެސް އަމީތު ވަނީ ފާހަގަކުރައްވާފައެވެ.

ޖައްމުއާއި ކަޝްމީރަށް ސްޓޭޓެއްގެ ދަރަޖަ ލިއްބައިދިން މާއްދާ 370، އިންޑިއާގެ ގާނޫނު އަސާސީއިން އުވާލުމަށްފަހު އޯގަސްޓް މަހުގެ ކުރީކޮޅުން ފެށިގެން ޖައްމުއާއި ކަޝްމީރުގެ ހައިސިއްޔަތު ވަނީ ޔޫނިއަން ޓެރިޓަރީތަކެއްގެ ދަރަޖައަށް ދައްކޮށްފައެވެ.