ނަކަލުކޮށްފައިވާ ވާކްވިސާ ކާޑްތަކެއް ރާއްޖެއަށް އެތެރެކުރަން އުޅުނު މީހަކު ހުއްޓުވައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ނަކަލުކޮށްފައިވާ ވާކްވިސާ ތަކެއް ރާއްޖެއަށް އެތެރެކުރަން އުޅުނު މީހަކު ހުއްޓުވާފައިވާ ކަމަށެވެ. ހުއްްޓުވި ބިދޭސީމީހެއް ކަމަށާއި އޭނާ ހިފަހެއްޓީ ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުން ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި އޭނާގެ އަތުން ފެނިފައިވަނީ ތިން ބިދޭސީއެއްގެ ނަކަލުކޮށްފައިވާ ކާޑުކަމަށްވެސް އިމިގްރޭޗަނުން މައުލޫމާތު ދެއެވެ.
"ދަ ޕްރެސް" އަށް މައުޅުމާތު ދެއްވަމުން އިމްިގްރޭޝަނުން ބުނީ، މި މައްސަލައިގައި ހިފަހައްޓާފައިވާ ބިދޭސީ މީހާއަކީ ރާއްޛޭގައި މަސައްކަތް ކުރަމުންދާ މީހެއް ކަމަށެވެ. ފަހުން ހަދާފައިވާ ވޯކްވިސާކާޑްތަކަކީ ސެކިއުރިޓީ ފީޝާތައް ވަރަށް ފުރިހަމައަށް ހަދާފައިވާ ކާޑުތަކަކަށް ވީ އިރު މީ ފަހުން ތައާރަފްކުރި ވޯކްވިސާ ކާޑުތައް ނަކަލުކުރި ފރަތަމަ ފަހަރު ކަމަށް އިމްިގްރޭޝަނުން ބުނެއެވެ.
މީގެ އިތުރުން، ވޯކް ވިސާ ހެދުމަށް އަސްލާ އެއްގޮތް މެޑިކަލް ރިޕޯޓެއް ބޭނުން ކުރަން އުޅުނު ބިދޭސީއެއް ވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު ހިފަހައްޓާފައެވެ. މި ކަމާ ގުޅިގެން އިމިގްރޭޝަނުން ބުނީ، ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަން އެއްގައި ވޯކް ވިސާ ހެދުމަށް ނަކަލު ކޮށްފައިވާ މެޑިކަލް ރިޕޯޓެއް ބޭނުންކުރަން މަސައްކަތް ކުރި ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލު ކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ރެގިއުލަރައިޒޭޝަން ޕްރޮގްރާމް ފެށީ މިދިޔަ މަހުއެވެ. އެ ޕްރޮގްރާމްގެ ދަށުން 'ރެގިއުލަވައިޒް ވާން' އެދޭ ބިދޭސީން ދަފްތަރު ގައި ރަޖިސްޓްރީ ވުމަށް ޓަކައި ދޫކުރަމުން ގެންދިޔަ ކިޔު ނަންބަރު ދޫކުރީ ސިވިލް ސާވިސް ކޮމިޝަނުގެ އޮފީސް ހުންނަ އިމާރާތުގެ ފުރަތަމަ ފަންގިފިލާއިންނެވެ. ނަމަވެސް ކިޔު ޖެހޭ މީހުންގެ އަދަދު ގިނަ ކަމާއި ދުވާލަކަށް އޭރު ދޫކުރީ 150 ނަންބަރު ކަމުން، ގިނަ ބަޔަކު ދަންވަރުން ފެށިގެން ޖެހިގެން އޮންނަ ދުވަހަށް ކިޔުގައި މަގުމަތީގައި ތިބެން ޖެހޭ ޖެހުން ހައްލު ކުރުމަށް އެ ޕްރޮގްރާމް ދަނޑަށް ބަދަލު ކުރިއެވެ.
ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެވެފައިވާ ބިދޭސީންގެ މައްސަލަތައް އިމިގްރޭޝަނުން ބަލަމުން އަންނައިރު ދާދިފަހުން ވަނީ ދެ ބިދޭސީއަކު ޑީޕޯޓު ވެސް ކޮށްލާފައެވެ. އަދި ސަރުކާރުން ވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށް ބަންގަލްދޭޝް މަސައްކަތްތެރިންގެ ތެރެއިން އަންސްކިލްޑު މަސައްކަތްތެރިން ގެނައުން މަނާވެސް ކޮށްފައެވެ. ބިދޭސީންގެ މައްސަލަ ބޮޑުވުމުގެ ސަބަބުން މިދިޔަ އަންގާރަ ދުވަހު ބޭއްވި ވަޒީރުން މަޖިލީހުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ސަރުކާރުގެ މަތީ ފަންތީގެ ފަރާތްތައް ހިމެނޭ ގޮތަށް ޓާސްކްފޯހެއް އެކުލަވާލުމަށް ނިންމާފައެވެ.