އިންޑިއާގެ ކަނޑުގެ ސަރަހައްދުން ހިފެހެއްޓި ށ.ކޮމަންޑޫ "އަންބަރީ" ނަމަކަށް ކިޔާ ދިވެހި މަސް ދޯނި ދޫކޮށްލުމަށް އިންޑިއާގެ ސަރުކާރުން ނިންމައިފައި ވާކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން ބުނެފިއެވެ.

މި މަހުގެ ފަސްވަނަ ދުވަހު މަކިލު ސަރަހައްދުން 11 ދިވެހިންނާއި އެކު އިންޑިއާއިން ހިފެހެއްޓި ދޯނީގައި ތިބި ފަޅުވެރިން ދޫކޮށްލުމަށް އިންޑިއާ ސަރުކާރުން ނިންމައި، އެކަން މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދަށްވަނީ އަންގަވާފައިކަމަށް ބުނެފައިވެއެވެ.

ރާއްޖޭގެ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްއިން އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއަރޒްއާއި ގުޅައިގެން، މިދޯންޏާއި ދޯނީގެ ފަޅުވެރިން މިނިވަންކުރުމަށް ކުރި މަސައްކަތުން، މިއަދުގެ ވަގުތެއްގައި މި ދޯންޏާއި، ދޯނީގައި ތިބި ފަޅުވެރިން ދޫކޮށްލުމަށް އިންޑިއާ ސަރުކާރުން ނިންމައިފައި ވާކަމަށްވެސް ބުނެފައިވެއެވެ.

އިންޑިއާ ކަނޑުގައި މަސްވެރިކަން ކުރަމުން ދަނިކޮށް ފެބްރުއަރީ މަހުވެސް ވަނީ ރާއްޖޭގެ މަސްދޯންޏެއް އިންޑިއާގެ އީއީޒެޑް ކައިރިން އިންޑިއާގެ ކޯސްޓްގާޑުން ހިފެހެއްޓާފައެވެ.

އެ މިނިސްޓްރީއިން ބުނެފައި ވަނީ، އެހެން ޤައުމެއްގެ ކަނޑުގެ ސަރަހައްދުގައި ދިވެހި މަސްވެރި އުޅަނދުތައް ޙަރަކާތްތެރިވުމަކީ ޤާނޫނާއި ޤަވާޢިދާއި ޚިލާފު ކަމެއްކަމަށާއި މިކަމަށް ސަމާލުވުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްއިން ދިވެހިރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަންކުރާ އުޅަނދު ފަހަރުގެ ވެރިންނަށާއި، އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް އިލްތިމާސްކޮށްފައިވެއެވެ.