އީރާނުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 5 ބިލިއަން ޑޮލަރުގެ އަގުހުރި ތެލުގެ ސިނައީ ވިޔަފާރީގެ މަޝްރޫއަކުން ޗައިނާ ބޭރުވެއްޖެއެވެ.

މިއީ އީރާނާ ދެކޮޅަށް އެމެރިކާއިން ތަންފީޒުކުރަމުން ގެންދާ ދަތިރުކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން މިފަހަކަށް އައިސް އީރާނަށް ކުރިމަތިލާންޖެހުނު އެންމެ ބޮޑު އިނދަޖެހުމެވެ.

"ސައުތު ޕާޒް" އެއްބަސްވުމުން ޗައިނާގެ ނޭޝަނަލް ޕެޓްރޯލިއަމް ކޯޕަރޭޝަން ބޭރުވެފައިވާއިރު، މީގެ ކުރިން ފަރަންސޭސިވިލާތުގެ ކުންފުންޏަކުންވެސް ވަނީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ހަމަ މި އެއްބަސްވުން ދޫކޮށްލާފައެވެ.

ޗައިނާއިން މި އެއްބަސްވުން ދޫކޮށްލާފައިވާ ސަބަބެއް އެގައުމުން ރަސްމީކޮށް ހާމަކޮށްފައި ނުވާއިރު، އީރާނުންވެސް މިކަން އިތުރަށް ތަފްސީލުކޮށްދީފައެއް ނުވެއެވެ. ނަމަވެސް އީރާނުގެ ހާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފުވަނީ، އެމެރިކާގެ އަމަލުތަކުގެ ސަބަބުން އީރާނަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވަމުން އަންނަކަމަށް ވިދާޅުވެ، އީރާނުގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަފުޅު ދައްކަވާފައެވެ.

އެމެރިކާއާއި ދެކޮޅަށް ވިޔަފާރީގެ ވަރުގަދަ ހަނގުރާމައެއް ކުރަމުންދާ ޗައިނާއިން، އެމެރިކާގެ އެންމެ ބޮޑު އަދުއްވު ކަމަށްވާ އީރާނާ ދެކޮޅަށް ތެދުވި ނަމަވެސް، އީރާނުގެ ވިޔަފާރީގެ އެންމެ ބޮޑު ބައިވެރިޔާގެ ގޮތުގައި އަދިވެސް ޗައިނާ ދެމި އޮންނާނެ ކަމަށް ބެލެވެއެވެ.

އީރާނާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރަމުންދަނީ އީރާނުގެ ނިއުކްލިއާ މަޝްރޫއާއި ގުޅިގެން ބައިނަލްއަގުވާމީ ފެންވަރުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ސުލްހަވެރި ހައްލެއް ހޯދުމަށް 2015 ވަނަ އަހަރު އެކުލަވާލި އެއްބަސްވުމުން 2018 ވަނަ އަހަރު އެމެރިކާ ވަކިވުމަށްފަހު، އީރާނަށް ފައިސާ ލިބޭނެ ހުރިހާ މަގުތަކެއް ބަންދުކުރުމުގެ މަގުސަދުގައެވެ.