އެއްބަޔަކު އަނެއް ބަޔަކާ ދެކޮޅަށް އަސްކަރީ ބާރުގެ ބޭނުންކޮށް ހަނގުރާމައެއް ކުރުމާ ދެކޮޅަށް، އަރަބި ގަލްފުގެ ގައުމުތަކާއެކު އެއްބަސްވުންތަކެއް އެކުލަވާލުމުގެ މަސައްކަތްތައް ކުރިއަށް ދާކަމަށް އިސްރާއީލުގެ ހާރިޖީ ވަޒީރު އިސްރާއީލު ކަޓްޒް ވިދާޅުވެއްޖެއެވެ.

އިސްރާއީލުގެ ހާރިޖީ ވަޒީރު މިފަދަ ވާހަކަތަކެއް އާންމުކުރައްވާފައި މިވަނީ، އީރާނުގެ މައްސަލާގައި ގަލްފުގެ ގައުމުތަކާ އިސްރާއީލާ ދެމެދު ހިސާބެއްގެ އެއްބަސްވުމަކަށް އާދެވިފައިވާކަމުގެ އަޑުތައް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.

ފަލަސްޠީނާ ސޫރިޔާގެ ބިންތަކަށް ގަވައިދާ ހިލާފަށް ވެރިވެގެންފައިވާ އިސްރާއީލު ބަލައިގަތުމަށް އަރަބި ގިނަ ގައުމުތަކުން އަދިވެސް ދެކޮޅެވެ. ނަމަވެސް މެދުއިރުމަތީގެ ބާރެއްގެ ގޮތުގައި އީރާނުން ކުރިއަރާ ގޮސްފާނެ ކަމުގެ ބިރައްޓަކައި، އަރަބި ގިނަ ގައުމުތަކަކަށް ވަނީ އިސްރާއީލާ އެއްގަލަކަށް އެރިފައެވެ.

އީރާނާ މެދު އަރަބި ގައުމުތައް ޖެހިލުން ވެފައިވަނީ އިރާގާ ސޫރިޔާ އަދި ލުބްނާނާ ޔަމަނުގައި ހިންގަމުންދާ ހަމަނުޖެހުންތަކަށް އީރާނުން އެއްބާރުލުން ދެމުންދާކަމުގެ ތުހުމަތުތަކާއެކުގައެވެ. ދާދި ފަހުން ސައުދީ އަރަބިއްޔާގެ ތެޔޮ ކާރުހާނާތަކަކަށް އަމާޒުކޮށް ދިން ވަރުގަދަ ހަމަލާތަކުގެ ފަހަތުގައި އޮތީވެސް އީރާނު ކަމަށް ސައުދީއާއި އެމެރިކާ ފަދަ ބޮޑެތި ގައުމުތަކުންވަނީ ތުހުމަތުކޮށްފައެވެ. ނަމަވެސް އީރާނުންވަނީ މިކަމަށް އިންކާރުކޮށްފައެވެ.

އޭނާ ކުރެއްވި ޓްވީޓެއްގައި އިސްރާއީލުގެ ހާރިޖީ ވަޒީރު ވިދާޅުވީ، އަރަބި ގަލްފުގެ ގައުމުތަކާއެކު އަސްކަރީ ކުރިމަތިލުމަކަށް ނުދިއުމަށް ހިތްވަރުދޭ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދަނީ އެމެރިކާގެ އެހީތެރިކަމާއެކުގައި ކަމަށެވެ. މި ފިޔަވަޅަކީ ފުރިހަމަ އެއްބަސްވުންތަކެއް އެކުލަވާލެވެންދެން، މަދަނީ އިމުގެ ތެރެއިން ގުޅުންތައް ބަދަހިކުރުމަށް އެހީތެރިވެދޭނެ އެއްބަސްވުންތަކަށް ވެގެންދާނެ ކަމަށްވެސް އިސްރާއީލުގެ ހާރިޖީ ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.