ސިޔާސީ ބޭނުމަށް ދީން ހަތިޔާރަކަށް ނުހެއްދެވުމަށް ސިޔާސީ ލީޑަރުންނަށް އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އިލްތިމާސް ކުރައްވައިފިއެވެ.

ޓްވިޓާގެ ޒަރިއްޔާއިން ހިޔާލު ފާޅުކުރައްވަމުން ހަސަން ލަތީފް ވިދާޅުވީ، ދީން ހަތިޔާރަކަށް ހައްދަވައިގެން ސިޔާސީ ބޭނުމަށް ސިޔާސީ ލީޑަރުން ވާހަކަ ދެއްކެވުމަކީ ބޮޑު ފަސާދައެއް ކަމަށެވެ. އަދި އެކަން އެގޮތަށް ނުކުރެއްވުމަށް ލަތީފް އިލްތިމާސް ކުރެއްވިއެވެ. އޭނާ މިހެން ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަދި އެމްއާރްއެމްގެ ލީޑަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް އަމާޒުކުރައްވާފައެވެ.

ދީން ހަތިޔާރަކަށް ނުހެއްދެވުމަށް ގޮވާލާ ލަތީފް ކުރެއްވި ޓްވީޓަށް ޝައިހް އަލީ ޒައިދު އަދި ޑރ. މުހައްމަދު އިޔާޒް ވަނީ ރައްދު ދެއްވާފައެވެ. އެގޮތުން، ޑރ. އިޔާޒް ވިދާޅުވީި، ދީނުގެ އިލްމު ލިބިވަޑައިގެންފައި ނެތް ބޭފުޅަކަށް ހެދޭ ގޮތާއި އެނޫން ގޮޮތް އެނގި ނުލައްވާނެ ކަމަށެވެ. އަދި ލަތީފް ދެއްކެވި ވާހަކަ އަކީ އޭނާގެ ފަތަށް ބަރު ކުރުމަށް ދެއްކެވި ވާހަކަތަކެއް ކަމާށާއި، ބޭކާރު ވާހަކަ ނުދެއްކެވުމަށް ޑރ. އިޔާސް ގޮވާލެއްވިއެވެ.

ހަސަންގެ ވެރިޔާ ވެސް އެ ވިދާޅުވީ، އެ ރިޕޯޓުގައި ކުށް ހުރި ވާހަކަ! މާތް ﷲ އާ ކީރިތި ރަސޫލާ އަށް ފުރައްސާރަ ކޮށްފައިވާ ވާހަކަ. ވީ އިރު އެމްޑީޕީގެ އެންމެ އިސް އެއް މަގާމުގައި ހުންނަވައިގެން ތިޔަޒާތުގެ ވާހަކަ ދެއްކެވުމުން ވަރަށް ހުތުރު
ޒައިދު

ލަތީފްގެ ޓްވީޓަށް ރައްދު ދެއްވަމުން ޝެއިހް ޒައިދު ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ހަސަން ލަތީފްގެ 'ވެރިޔާ' ކަމުގައި ސިފަކުރައްވާ، އެމަނިކުފާނުގެ ވެސް މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އޮފް މޯލްޑިވްސް" ރިޕޯޓުގައި ކުށް ހުރި ވާހަކަ އަދި މާތް ﷲ އާ ކީރިތި ރަސޫލާ އަށް ފުރައްސާރަ ކޮށްފައިވާ ވާހަކަ ވިދާޅުވި ކަން ފާހަގަ ކުރައްވާފައެވެ. އަދި ކަން މިހެން އޮތް އިރު، އެމްޑީޕީގެ އެންމެ އިސް އެއް މަގާމުގައި ހުންނަވައިގެން ތިޔަ ޒާތުގެ ވާހަކަ ދެއްކެވުން ހުތުރު ކަމަށް ޒައިދު ވިދާޅުވިއެވެ.

ޒައިދު ވަނީ އަމިއްލަ ޕާޓީއަށް ވުރެ ވެސް އިސްލާމް ދީނަށް ލޯބި ކުރެއްވުމަށް ލަތީފަށް އިލްތިމާސް ކުރައްވާފައެވެ.

ޒައިދު މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް ނަޝީދު ވަނީ، އެމްޑީއެންއިން ނެރެފައިވާ ރިޕޯޓު އެމަނިކުފާނުވެސް ވިދާޅުވެފައިވާ ކަމަށާއި އެ ރިޕޯޓުގައި ނުރަނގަޅު ކަންތައްތަކެއް އެބަހުރި ކަމަށް އަދި އޭގެތެރެއިން އެއްކަމަކީ މާތްﷲ އާއި ކީރިތި ރަސޫލާއާ ބެހޭގޮތުން އެކަށީގެން ނުވާ ބަސްތަކެއް ގެނެވިފައިވުން ކަމަށް ވިދާޅުވެފައެވެ. އަދި އެފަދަ ކަމަކީ މުސްލިމުން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.