ފޭސްބުކް ޕްލެޓްފޯމް މެދުވެރިކޮށް އެ ޔޫޒާ އެކައުންޓްއިން އަނެއް ޔޫޒާ އެކައުންޓަށް ފޮނުވާ ޕްރައިވެޓް މެސެޖުތައް ފެންނާނެ ގޮތް ހަދާދިނުމަށް އިނގިރޭސިވިލާތާ، އެމެރިކާ އަދި އޮސްޓްރޭލިއާގެ ސަރުކާރުން ފޭސްބުކް ކުންފުނީގައި އެދިއްޖެއެވެ.

ޕްލެޓްފޯމު ބޭނުންކުރާ ފަރާތްތަކުގެ ޒާތީ ސިއްރު މައުލޫމާތު 3 ވަނަ ފަރާތަކާ ހިއްސާކުރުމުގެ ބޮޑެތި ތުހުމަތުތަކެއްގައި ބެދި، ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވަމުންދިޔަ ފޭސްބުކްއިން ދާދިފަހުން ވަނީ އެންޑް-ޓު-އެންޑް އެންކްރިޕްޝަންގެ އެހީގައި، ފޭސްބުކް ޕްލެޓްފޯމް މެދުވެރިކޮށް ފޮނުވާ ޕްރައިވެޓް މެސެޖުތަކަކީ، އެކަމުގެ އިޒުނަ އޮތް އެކައުންޓްތަކަށް ނޫނީ ނުފެންނަ މެސެޖުތަކެއް ކަމުގައި ހަދާފައެވެ.

މިދަނޑިވަޅަކީ ޕްރައިވެޓް މެސެޖުތަކުގައި އެކުލެވޭ މުހިންމު މައުލޫމާތު އެއްބަޔަކު އަނެއް ބަޔަކާ ހިއްސާކުރުމުގެ ތާރީހީ އެއްބަސްވުމެއްގައި އިނގިރޭސިވިލާތާ އެމެރިކާއިން ސޮއިކޮށްފައިވާ ދަނޑިވަޅެއްވެސްމެއެވެ. ނަމަވެސް، އެންޑް-ޓު-އެންޑް އެންކްރިޕްޝަން ޓެކްނޮލޮޖީއާއިއެކު މިއީ ބޭކާރު އެއްބަސްވުމެކޭވެސް ބުނެވިދާނެއެވެ.

ފޭސްބުކްގެ އެންކްރިޕްޝަން އިން ވަލުދޮރާޓެއްގެ ފުރުސަތު ފުލުހުންނަށް ދިނުމަށް އެމެރިކާ ފަދަ ގައުމުތަކުން ބާރުއަޅަނީ ފުލުހުންގެ ތަހުގީގުތަކަށް ހުރަސް އެޅެމުންދާކަމަށް ވަކާލާތު ކުރަމުންނެވެ.

ކަންމިހެން އޮތްއިރު، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ދަނީ މިކަމާ ދެކޮޅަށް އަޑުއުފުލަމުންނެވެ. އެއީ ގެޔަށް ވަންނަން ބޭނުންކުރާ ތަޅުތަނޑި، ދޮރުމަތީ އޮންނަ ކުނާގަނޑުގެ ދަށުގައި ބޭއްވުން ކަހަލަ ކަމެއްކަމަށް ބުނެ، އެފަރާތްތަކުން ދަނީ އެންޑް-ޓު-އެންޑް އެންކްރިޕްޝަންއިން ވަލުދޮރާޓެއްގެ ފުރުސަތު ސަރުކާރުތަކަށް ދިނުމާ ދެކޮޅަށް ވަކާލާތު ކުރަމުންނެވެ. އެމްނެސްޓީ އިންޓަނޭޝަނަލްގެ ރޫހުވެސް ހުރީ މިފަދަ ގޮތަކަށެވެ.