އިސްލާމް ދީނާ ދެކޮޅަށް ފުރައްސާރަކުރާ މީހުންނާ މެދު ފިޔަވަޅު އެޅުމަށް ގާނޫނެއް ހަދައި ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުން ހުއްޓުވުމުގެ ބިލެއް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަން މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ނިންމަވާފައިވާ ކަމަށެވެ. އޮފިޝަލް ވިދާޅުވީ އެފަދަ ބިލެއް ހުށަހެޅުއްވުމަށް މިނިސްޓަރު ނިންމެވީ ރާއްޖޭގައި އިސްލާމްދީނަށް ފުރައްސާރަ ކުރުން އިތުރުވެ އެކަމުގެ ކަންބޮޑުވުން ހިއްސާ ކުރުމަށް މިއަދު ދީނީ އިލްމުވެރިންނާއި އެކުގައި ބޭއްވި ބައްދަލުވުމަށްފަހު ކަމަށެވެ.
މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރެފައިވާ ރިޕޯޓެއްގައި އިސްލާމްދީނަށާއި ރަސޫލާއަށް ބަދުބަސްވުނެ ފުރައްސާކޮށްފައި ވާތީ ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ގެންދަވަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އެ ރިޕޯޓުގައި ކީރިތި ގުރުއާނުގެ ސަބަބުން ގެވެށި އަނިޔާއަށް މަގުފަހިވާ ކަމަށް ބުނެފައި ވާއިރު އިސްލާމީ ހުދޫދަކީ އަނިޔާއެއްގެ ގޮތުގައި ވެސް ވަނީ ސިފަ ކޮށްފައެވެ. އަދި އިސްރާ އާއި މިއުރާޖަކީ ސައިންޓިފިކް ގޮތުން ގަބޫލު ނުކުރެވޭ ވާހަކައެއް ކަމަށް ބުނެފައި ވެއެވެ. ރާއްޖޭގައި ޣައިރު މުސްލިމުންނަށް އަޅުކަން ކުރެވޭ ގޮތަށް ތަންތަން ހަދަން ޖެހޭ ކަމަށްވެސް ވަކާލާތު ކޮށްފައި ވެއެވެ.
އިންސާނީ ހައްގުތަކާއި އިންސާނީ ކަރާމާތާއި އަދި ކުރިއަރަމުން އަންނަ ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓާ ހިފެހެއްޓުމަށް ކަމަށް ބުނެ އުފެއްދި އެމްޑީއެންއަކީ މީގެކުރިންވެސް އެތައް ބައެއްގެ ފާޑު ކިއުންތައް އަމާޒުވެފައިވާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއަކީ ރާއްޖޭގައި އިސްލާމްދީން ނައްތާލަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށް ބުނެވެސް މީގެކުރިން ބައެއް ފަރާތްތަކުން ވަނީ އަޑު އުފުލާފައެވެ.
އެމްޑީއެންއިން ވަނީ އެ ރިޕޯޓާއި ގުޅިގެން މައާފަށް ވެސް އެދިފައެވެ. ނަމަވެސް އެ ޖަމިއްޔާގެ އިސްވެރިން ގެންދަނީ ފާޅުގައި އެ ރިޕޯޓު ދިފާއުކޮށް ވާހަކަ ދައްކަމުންނެވެ.