ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދެސީން ގަވައިދަށް ފެއްތުމަށް މިއަދު ހިންގާ ޕްރޮގްރާމުގައި ބައިވެރިވާން ބިދޭސީން ގަލޮޅު ދަނޑަށް ވަދެ ފުރާލައިފިއެވެ.

މިއަދު ހެނދުނު 9 ގައި ގަލޮޅު ދަނޑުގައި ރަޖިސްޓާވުން ވަނީ ފަށާފައެވެ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ މީޑިއާ ކޯޑިނޭޓާ "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއަދު ހަވީދު 5 ޖަހަންދެން ދަނޑަށް ބިދޭސީން ވެއްދުން ކުރިއަށް ދާނެކަމަށާއި މިހާރު ދަނޑުގައި ތިބި މީހުންނަށް ރޭ ވިޔަސް ހިދުމަތް ދޭނެކަމަށެވެ.

"2000 މީހުނަށް މިހާރު ވަނީ ހިދުމަތް ދެވިފަ. 2500 މީހުން އިތުރަށް ވަނީ ހިދުމަތް ދިނުމަށް ދަނޑަށް ވައްދާފަ. 32 ކައުންޓަރުން ފެށީ، ނަމަވެސް މިހާރު ވަނީ 50 ކައުންޓަރަށް އިތުރު ކޮސްފައި" މީޑިއާ ކޯޑިނޭޓަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއަދު ދަނޑުގައި ހިންގާ ޕްރޮގްރާމުގައި ބައިވެރިވުމަށް ދަނޑަނަށް ވަނުމަށް މިހާރުވެސް ގިނަ ބަޔަކު ކިޔު ހަދާފައި ވާ ކަމަށާއި ކިޔު ތަރުތީބުން އެތެރެއަށް ވައްދަމުން ދާނެ ކަމަށެވެ. އަދި ދަނޑަށް ވަދެފައި ތިބީވެސް އަދި ކިއުގައި ތިބީވެސް ރާއްޖޭގައި ނުގަވައިދުން އުޅޭ ބިދޭސީން ކަމަށް "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އޭނާ ވަނީ ވިދާޅުވެފައެވެ.

މިއަދު ދަނޑުގައި ކުރިއަށް ދަނީ ބިދެސީންގެ މައުލޫމާތު ނެގުމާއި އެމީހުންނާ ގުޅޭނެ ފޯނު ނަންބަރުތައް ނެގުމެވެ. އަދި އެއިން ކޮންމެ މީހަކަށް ކިޔު ނަންބަރެއް ދޫކުރެވޭނެ ކަމަށާއި އެ ނަންބަރާއެކު ހަމަޖައްސާފައި އޮންނަ ދުވަހަށް މިނިސްޓްރީއަށް ހާޒިރު ވުމުން ރަޖިސްޓާ ވުުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

"މިހާރު ނަންބަރެއް މިދެނީ، މައުލޫމަތު ނަގާފައި، ދެން އެމީހުން މިނިސްޓްރީއަށް އަންނަން ވާއިރަށް އަޅުގަނޑުމެނަށް ތައްޔާރު ވެވޭނެތާ، އޭރުން ކިޔު ނުޖެހި ރަޖިސްޓާ ކުރުމުގެ މަސައްކަތް ގެންދެވޭނެ" މީޑިއާ ކޯޑިނޭޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލު ކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ރެގިއުލަރައިޒޭޝަން ޕްރޮގްރާމް ފެށީ މިދިޔަ މަހުއެވެ. އެ ޕްރޮގްރާމްގެ ދަށުން 'ރެގިއުލަވައިޒް ވާން' އެދޭ ބިދޭސީން ދަފްތަރު ގައި ރަޖިސްޓްރީ ވުމަށް ޓަކައި ދޫކުރަމުން ގެންދިޔަ ކިޔު ނަންބަރު ދޫކުރީ ސިވިލް ސާވިސް ކޮމިޝަނުގެ އޮފީސް ހުންނަ އިމާރާތުގެ ފުރަތަމަ ފަންގިފިލާއިންނެވެ. ނަމަވެސް ކިޔު ޖެހޭ މީހުންގެ އަދަދު ގިނަ ކަމާއި ދުވާލަކަށް އޭރު ދޫކުރީ 150 ނަންބަރު ކަމުން، ގިނަ ބަޔަކު ދަންވަރުން ފެށިގެން ޖެހިގެން އޮންނަ ދުވަހަށް ކިޔުގައި މަގުމަތީގައި ތިބެން ޖެހޭ ޖެހުން ހައްލު ކުރުމަށް އެ ޕްރޮގްރާމް ދަނޑަށް ބަދަލު ކުރީ އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަލުން ރަޖިސްޓާ ވާން ސަރުކާރުން ވަނީ ހަ މަސް ދުވަހުގެ މުއްދަތެއް ދީފައެވެ.

ވަޒީފާ ދޭނެ ފަރާތެއް ލިބި ރެގިއުލަރައިޒް ވާން އެދޭ ބިދޭސީން ރެގިއުލަރައިޒް ކުރުމަށް ހުށަހަޅާނީ، 'އެކްސްޕެޓް އޮންލައިން ސިސްޓަމް' މެދުވެރިކޮށް ވަޒީފާދޭ ފަރާތުންނެވެ. މިގޮތުން ވަޒީފާދޭ ފަރާތަކީ ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށް ދޫކުރެވޭ ކޯޓާއެއް އޮތް ފަރާތެއް ނަމަ، ވަޒީފާދޭ ފަރާތުގެ އަތުގައި ބޭނުން ނުކޮށް ބާކީއޮތް ކޯޓާއަށް ބިދޭސީން ރެގިއުލަރައިޒް ކުރުމަށް އެދެވޭނެ އެވެ. އަދި ކޯޓާ ނެތް ފަރާތްތަކުން ވެސް ކޯޓާއަށް އެދޭ ވަގުތު ބިދޭސީން ރެގިއުލަރައިޒް ކުމަށް ހުށަހެޅޭނެއެވެ.

ބިދޭސީންނާ ގުޅޭ ކަންކަން މީގެ ކުރިން ކުރަމުން ގެންދިޔައީ އިމިގްރޭޝަނުންނެވެ.