ޕާކިސްތާނާ އިންޑިއާއިންވެސް އެސަރަހައްދެއްގެ ފުރިހަމަ މިލްކުވެރިކަމަށް ވަކާލާތު ކުރަމުންދާ ޖައްމުއާއި ކަޝްމީރުގެ މައްސަލަ، އިންސާނީ ހައްގުތަކާ ބެހޭ އދގެ ކައުންސިލަށް ހުށަހަޅުމަށް 58 ގައުމަކުން ތާއީދުކޮށްފައިވާކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވިދާޅުވެފައިވާއިރު، އެއީ ކޮން ގައުމުތަކެއްކަން ތަފްސީލުކޮށްދެއްވުމަށް ޕާކިސްތާނުގެ ހާރިޖީ ވަޒީރު ޝާހް މަހްމޫދު ގުރައިޝީއަށް ސުވާލު ދެންނެވުމުން ރުޅި އިސްކުރައްވައިފިއެވެ.

ޕާކިސްތާނުގެ ޓީވީ ޗެނަލެއް ކަމަށްވާ އެކްސްޕްރެސް ޓީވީ އިން ކުރިއަށް ގެންދިޔަ ޓޯކްޝޯއެއްގައި ގުރައިޝީއާއި މި ސުވާލު ކުރިމަތިކުރެވުމާއެކު، އެ އިދާރާއިން މަސައްކަތްކުރަމުންދަނީ ކޮން ބައެއްގެ އެޖެންޑާއަކަށްތޯ ގުރައިޝީ ވަނީ ސުވާލުކުރައްވާފައެވެ. އަދި ޕާކިސްތާނަށް އެއްބާރުލުން ދިން ގައުމާ ނުދޭ ގައުމުތައް ކިޔައިދިނުމަށް ހޮސްޓް މަސައްކަތްކުރަނީތޯއާއި، އެ ޗެނަލުން ބޭނުން ކޮންމެ އެއްޗެއް ލިޔުނަސް ފަރުވާލެއް ނެތްކަމަށް ދޭހަވާފަދަ މޭރުމަކުން ގުރައިޝީ ވަނީ ރުޅިވެރިކަމާއެކު ވާހަކަފުޅު ދައްކަވާފައެވެ.

މިކަމާ ބެހޭ ގޮތުން ފަހުންވެސް ގުރައިޝީއާއި މީޑިއާއިން ސުވާލުކޮށްފައިވާއިރު އޭނާވަނީ އެދެއްކެވި ވާހަކަފުޅުގައި މައްސަލައެއް އޮތް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ޖައްމުއާއި ކަޝްމީރަށް މިނިވަންކަމާ އިސްތިގުލާލު ލިއްބައިދިން މާއްދާ 370 އުވާލާ، އިންޑިއާގެ މައި ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ޖައްމު އާއި ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގެ ކޮންޓްރޯލް ބަދަލުކުރި މައްސަލައަށް ބައިނަލްއަގުވާމީ ސަމާލުކަން ހޯދާ، ބައިނަލްއަގުވާމީ ޕްލެޓްފޯމުތަކުގައި އިންޑިއާއާއި ދެކޮޅަށް މަސައްކަތްކުރާނެކަމުގެ އިންޒާރު ޕާކިސްތާނުން ދަނީ ތަކުރާރުކޮށް ދެމުންނެވެ. ނަމަވެސް މިހާތަނަށް މިކަން ކާމިޔާބު ވާ ގޮތެއް ނުވެއެވެ. ގައުމުތަކުން ބުނަމުންދަނީ ކަޝްމީރުގެ މައްސަލައަކީ އިންޑިއާއި ޕާކިސްތާނުން ހައްލުކުރަންޖެހޭ މައްސަލައެއް ކަމަށެވެ.