ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކަށް ހަގީގަތް އޮޅުވާލުމަށް ބަޔަކު ރާވައިގެން ގަސްތުގައި ހިންގަމުންދާ އެކައުންޓްތަކެއް ކަމަށް ތުހުމަތުކުރެވޭ އެތައް ސަތޭކަ އެކައުންޓެއް، ދުނިޔޭގެ އެންމެ ބޮޑު ސޯޝަލް މީޑިއާ ޕްލެޓްފޯމު ކަމަށްވާ ފޭސްބުކް އިން ނަގައިފިއެވެ.

މި އެކައުންޓްތަކަކީ މެދުއިރުމައްޗާއި، އުތުރު އެފްރިކާގެ އިތުރުން އޭޝިއާގެ ބައެއް ގައުމުތަކުގައި ތިބި ބަޔަކު ހިންގަމުންދިޔަ އެކައުންޓްތަކެއް ކަމަށް މައުލޫމާތު ލިބެއެވެ.

ފޭސްބުކް ކުންފުނިން ބުނީ 443 ފޭސްބުކް އެކައުންޓްއާއި، 200 ޕޭޖާއި، 76 ގުރޫޕަކާ، 125 އިންސްޓަގްރާމް އެކައުންޓެއް ނަގާފައިވާކަމަށެވެ. މި އެކައުންޓްތަކަކީ ގުޅިފައިވާ، އެހެންނަމަވެސް ތަފާތު 3 އޮޕަރޭޝަނަކާ ގުޅުންހުރި އެކައުންޓްތަކެއް ކަމަށާ މި އެކައުންޓްތަކަކީ ހަގީގަތް އޮޅޭ ފަދަ ޚަބަރާ ލިޔުންތައް ޝާއިއުކުރަމުންދިޔަ އެކައުންޓްތަކެއް ކަމަށެވެ.

މި އެކައުންޓްތަކާ ޕޭޖުތަކާ ގުރޫޕުތައް ފޮލޯކުރާ އެކައުންޓްތަކުގެ އަދަދު 7.5 މިލިއަނަށް އަރާކަމަށް މައުލޫމާތު ލިބެއެވެ.