އުރަމަތީގެ ކެންސަރަށް ހޭލުންތެރި ކުރުމުގެ މަސް ފާހަގަކުރުމުގެ ގޮތުން ކެންސާ ސޮސައިޓީއާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ.

ބޭންކުގެ ޓްވީޓުގައި ބުނެފައި ވަނީ، މި ހިނގާ އޮކްޓޯބަރު މަހަކީ އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރާ މަހެއް ކަމަށެވެ. އެގޮތުން މި މަހުގެ 26 ވަނަ ދުވަހު އުރަމަތީގެ ކެންސަރާ ދެކޮޅަށް ހިނގާލުމެއް ހުޅުމާލެއާއި ހުރިހާ އަތޮޅެއްގައިވެސް ކުރިއަށް ދާނެ ކަމަށެވެ.

ކޮންމެ އަހަރަކުވެސް "ޕިންކް ރިބަން ރަން ވޯކް" ގެ ނަމުގައި ބާއްވާ މި ހިނގާލުން ބޭއްވުމުގެ ކަންތައްތައް މިހާރު އިންތިޒާމް ކުރަމުން އެބަދެއެވެ.

ކޮންމެ އަހަރަކު ވެސް އޮކްޓޯބަރު މަސް ފާހަގަކުރަނީ އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުމުގެ މަހުގެ ގޮތުގައެވެ. މި ހަރަކާތަކީ 2016 އިން ފެށިގެން ކެންސާ ސޮސައިޓީން ބާއްވަމުން ގެންދާ ހިނގާލުމެކެވެ. ވޭތުވެދިޔަ ތިން އަހަރު ބޭއްވި މި ހިނގާލުމުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައި ވެއެވެ.