ވޮއިސް އެސިސްޓަންޓް ފީޗާއާއި ޔޫޓިއުބް އަދި ގޫގްލް މެޕްސް އިންކޮގްނިޓޯ މޯޑުގައި ބޭނުންކުރެވޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާކަމަށް އެލްފަބަޓް އިންކޯޕަރޭޝޭންގެ ގޫގްލްއިން ހާމަކޮށްފިއެވެ.

މި ހިދުމަތްތައް އިންކޮގްނިޓޯ މޯޑުގައި ބޭނުންކުރެވޭއިރު، އޮޓޯމެޓިކުން ޑޭޓާ ފުހެވޭނެ އިންތިޒާމުވެސް ހަމަޖެހިގެންދާނެކަމަށް ގޫގްލްއިން ބުނެއެވެ.

ގޫގްލް ކުންފުނިން ބުނީ، މިއީ މީހުންނަށް ލިބިފައިވާ ޒާތީ ސިއްރު ހިފެހެއްޓުމުގެ ހައްގަށް އިހުތިރާމް ކުރުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށެވެ.

ގޫގްލްއިން މިފަދަ ވަރުގަދަ ފިޔަވަޅެއް އަޅާފައި މިވަނީ އޮންލައިން ޕްލެޓްފޯމްތައް ބޭނުންކުރާ ފަރާތްތަކުގެ ހަރަކާތްތައް މޮނިޓާކޮށް އެފަދަ މައުލޫމާތަށް ފަރާލުމުގެ މަޝްރޫއުތަކެއް ބޮޑެތި ކުންފުނިން ފުޅާދާއިރާއެއްގައި ހިންގަމުންދާ ދަނޑިވަޅެއްގައެވެ.

ގޫގްލް މެޕްސް އިންކޮގްނިޓޯ މޯޑުގައި ހުޅުވުމުން އެމީހަކު ހުރި ހިސާބަކާ ދަތުރުކުރާ ހިސާބުގެ މައުލޫމާތު އެ މީހެއްގެ އެކައުންޓަށް ރެކޯޑްވަމުން ނުދާނެކަމަށާ، އެމީހަކު ސާޗް ކުރާ މަންޒިލްތަކުގެ ރެކޯޑެއްވެސް ނުހުންނާނެ ކަމަށް ގޫގްލް ކުންފުނިން ބުނެއެވެ.

ގޫގްލްއިންވަނީ އެ ކުންފުނީގެ ޕްލެޓްފޯމްތަކުގައި ކަސްޓަމަރުން ބޭނުންކުރާ ޕާސްވާޑަކީ ރައްކާތެރި ޕާސްވާޑެއް ތޯ ކަށަވަރު ކުރުމަށާ، އެހެން ފަރާތަކަށް އެ ޕާސްވާޑް ލިބިފައިވޭތޯ ބެލުމަށް ޕާސްވާޑް ޗެކަޕްގެ ނަމުގައިވެސް ހާއްސަ ފީޗާއެއް ތައާރަފުކޮށްފައެވެ.