މިސްރުގެ ވެރިކަމާ ދެކޮޅަށް ތެދުވާ ފަރާތްތައް ހައްޔަރުކުރުމަށް ރައީސް ޢަބްދުލް ފައްތާޙު އަލް ސީސީގެ ކޮންޓްރޯލްގެ ދަށުން ވަރުގަދަ ހަރަކާތެއް ހިންގަމުންދާކަމަށް އިންސާނީ ހައްގުތަކަށް ވާކާލާތުކުރާ އެމްނެސްޓީ އިންޓަނޭޝަނަލްއިން ބުނެފިއެވެ.

މިސްރުގެ ސަރުކާރާ ދެކޮޅަށް އެގައުމުގައި ސިލްސިލާ މުޒާހަރާތަކެއް ކުރަމުންދާއިރު، ފާއިތުވީ 2 ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 2300އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާކަމަށް އެމްނެސްޓީއިން ބުނެއެވެ.

މުޒާހަރާގެ ބައިވެރިންގެ ގޮތުގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި އުމުރުން އެންމެ 11 އަހަރާ 17 އަހަރާ ދެމެދު އުމުރުފުރާއަށް ފެތޭ 111 ކުޑަކުއްޖަކުވެސް ހިމެނޭ ކަމަށް އެމްނެސްޓީއިން ބުނެއެވެ. މީގެ އިތުރުން، 'ޓެރަރިސްޓް' ޖަމާއަތަކާ ގުޅުން އޮންނަ ކަމުގެ ކުށުގައި 69 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާކަމަށްވެސް އެމްނެސްޓީއިން ބުނެއެވެ.

ސުލްހަވެރިކަމާއެކު މުޒާހަރާކުރަމުންދިޔަ މީހުން ހައްޔަރުކުރުމުގެ އިތުރުން، ވަކި ބަޔަކަށް އަމާޒުކޮށް ނޫސްވެރިންނާ، ސިޔާސީ ޝަހްސުންނާ، ސިޔާސީ އެކްޓިވިސްޓުން ހައްޔަރުކުރަމުންދާލކަމަށް އެމްނެސްޓީއިން ބުނެއެވެ. މީގެ އިތުރުން ހައްޔަރުކޮށްފައި ތިބި މީހުންގެ ވަކީލުކަން ކުރަމުންދިޔަ ގިނަ އަދަދެއްގެ ބަޔަކުވެސް ކަމާބެހޭ ފަރާތްކުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށާ، އެމީހުން ހައްޔަރުކޮށްފައިވަނީ މަސައްކަތުގައި އުޅެނިކޮށް ކަމަށްވެސް އެމްނެސްޓީއިން އާންމުކުރި ބަޔާނެއްގައި ވަނީ ފާހަގަކޮށްފައެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް ނޯތް އެފްރިކާ ކެމްޕޭން ޑައިރެކްޓާ ނާޖިއާ ބޫނައީމް ވިދާޅުވީ، ސީސީގެ ސަރުކާރުން ރާވައިގެން ކުރިއަށް ގެންދާ މީހުން ހައްޔަރުކުރުމުގެ ކެމްޕޭނަކީ ސަރުކާރާ ދެކޮޅަށް އޮތް ކުޑަނަމަވެސް އަޑު ކަނޑުވާލުމުގެ މަގުސަދުގައި ހިންގާ ހަރަކާތެއް ކަމަށެވެ. މުޒާހަރާގައި ބައިވެރިވެސް ނުވާ އެތައް ބަޔަކު ހައްޔަރުކުރި ކުރުމުން އަންގައިދެނީ ސީސީގެ ސަރުކާރަށް ނުރައްކަލެއް ކަމުގައި ފެނިއްޖެ ކޮންމެ މީހަކު ނެތިކޮށްލާނެ ކަމުގެ ވަރުގަދަ މެސެޖުކަމަށްވެސް ނާޖިއާ ވަނީ ސިފަކުރައްވާފައެވެ.

އިންސާނީ ހައްގުތަކާ ބެހޭ އދގެ ހައިކޮމިޝަނާ މިޝޭލް ބެޝެލެޓްވެސް ވަނީ މިސްރުގެ މަސްރަހުގައި މިހާރު ހިނގަމުންދާ ކަންކަމާ ގުޅިގެން ކަންބޮޑުވުންފާޅުކުރައްވާފައެވެ.

މިސްރުގެ ވެރިކަމާ ސީސީ ހަވާލުވެވަޑައިގަތީ، މިސްރުގައި ފުރަތަމަ ފަހަރަށް ކުރިއަށް ގެންދިޔަ ޑިމޮކްރަޓިކް އިންތިހާބުން އެގައުމުގެ ވެރިކަމަށް އިންތިހާބު ކުރެވުނު މުޙައްމަދު މޫރުސީގެ ވެރިކަން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަސްކަރީ ބަގާވާތަކުން ވައްޓާލުމަށްފަހުގައެވެ. މި ބަގާވާތުގައި އިސް ލީޑަރެއްގެ ގޮތުގައި ހުންނެވި ސީސީވަނީ މިސްރުގެ ގާނަށް ބޮޑެތި ބަދަލުތަކެއް ގެންނަވާ، ވެރިކަމުގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނެވޭނެ ގޮތްވެސް ހައްދަވާފައެވެ.