އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީއާއެކު މަޝްވަރާތަކެއް ކުރިއަށް ގެންދެވުމަށްޓަކައި، ޗައިނާގެ ރައީސް ޝީ ޖީންޕިންގް، އަންނަ ހަފުތާ ތެރޭގައި އިންޑިއާގެ ޗެންނާއީއަށް ވަޑައިގަންނަވާނެ ކަމަށް ޚަބަރު ލިބިއްޖެއެވެ.

މި ބައްދަލުކުރެއްވުން ވެގެންދާނީ ޗައިނާއާއި އިންޑިއާގެ އެންމެ އިސް ލީޑަރުންގެ މެދުގައި ކުރިއަށްގެންދަވާ މިފަދަ، ނުރަސްމީ 2 ވަނަ ބައްދަލުކުރެއްވުމަށެވެ.

މި ބައްދަލުކުރެއްވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތާރީހެއް އިންޑިއާއިން އަދި ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެއެވެ.

ކަންމިހެން އޮތްއިރު ޗައިނާގެ މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން، މިމަހުގެ 8 ވަނަ ދުވަހު ޗައިނާއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިއީ މޯދީއާއި ޝީގެ ބައްދަލުކުރެއްވުމުގެ ކުރިން ހިނގާނެ ކަމެއް ކަމަށް ޗައިނާގެ ޚަބަރުތައް ބުނެއެވެ.

ސަރަހައްދީ ބާރުވެރިކަމާ ނުފޫޒަށް ތަޅާފޮޅަމުންދާ އިންޑިއާއާއި ޗައިނާއިން މީގެ ކުރިންވެސް ވަނީ މަޝްވަރާތަކެއް ސަރުކާރުގެ އެކި ފަންތީގައި ކުރިއަށް ގެންގޮސްފައެވެ.